މައްޗަންގޮޅީ ގެއެއްގައި މަންމައަކާއި ދަރިއެއްގެ ގަޔަށް ވަޅި ހަރައި ދެމައިން ޒަހަމްކޮށްލައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިރޭ 10:00 ޖަހާއެހާކަންހާއިރު، މއ. ބެރިއަންފަރުގޭގަ އެވެ. ވަޅި ހެރުމުގެ ހާދިސާގައި ޒަހަމްވި ދެމައިން ވަނީ އައިޖީއެމްއެޗަށް ގެންގޮސް އަވަސް ފަރުވާދޭން ފަށާފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ތަފްސީލެއް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ. އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ދެމައިންގެ ހާލަތާ ބެހޭ ގޮތުން އެ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ދެމައިން ޒަހަމްކޮށްލާފައި ވަނީ "ޒުވާބެއް"ގެ ތެރޭގަ އެވެ.

މިރޭ ދެ މައިން ޒަހަމްކޮށްލާފައިވާއިރު، މި އަހަރު ތެރޭ ވަނީ ހަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 27ގައި މާލޭގެ ތިން ސަރަހައްދެއްގައި ވަނީ ދެ މީހަކާއި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރާފަ އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އޭގެ ފަހުން އަޑިޕާކް ސަރަހައްދުގައި ފުރާވަރު ކުއްޖެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ.