ރައްޔިތުން މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަން ބޭނުން ވަނީ ދައުލަތުގެ އެންމެހާ ބާރުތައް ވަކި ކުރުމަށް ކަމަށް އެ ޕާޓީން ބުނަމުން ދިޔަ ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ ތިން ބާރު އެއްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ގުޅިގެން ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ނެރޭ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެންބަރުނަށް ވޯޓުދޭން ޖެހެނީ ބާރުތައް ވަކި ކުރުމަށް ކަމަށް އެ ޕާޓީން ބުނާ ބުނުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީން ވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދައުލަތުގެ ތިން ބާރު އެއްކުރެއްވުމަށް މަސައްކަތްކުރައްވާފައި ކަމަށެވެ. އަދި ވިދާޅުވީ ވަކި ވަކި ބާރުތަކަށް ނުފޫޒު ފޯރުއްވުމަށް މަސައްކަތްކުރައްވާފައި ކަމަށާއި ބާރުތައް ވަކި ކުރެއްވުމަށް "ކުޑަވެސް" ނަމޫނާއެއް އޭރު ދައްކަވާފައިވާ ނުވާ ކަމަށެވެ.

ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އޭރުގެ ސަރުކާރުން ބޭނުންވާ ގޮތަށް ޝަރީއަތްތައް ނުނިމޭތީ ޝަރުއީ ދާއިރާގެ ހިމެނޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވުމާއި ސުޕްރީމް ކޯޓުގައި ތަޅުއެޅުއްވީ ބާރުތައް ވަކި ކުރެއްވުމަށްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެނަށް ފެނިގެންދިޔައީ ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންވާ ގޮތަކަށް ހުކުމްތައް ނުވަތަ އަދަބުތައް ދެވެމުން ނުދާތީ ޖިނާއީ ކޯޓުގެ އިސް ގާޒީ ހައްޔަރުކުރިތަން. މިއީ ބާރުތައް ވަކިކޮށްފައި އޮތުމަށް ކުރެއްވި ވަރުގަދަ މަސައްކަތްފުޅެއް. މީގެ ނަތީޖާއަކަށް ވެގެންދިޔައީ ބާރުތައް އެއްކުރަން ކުރެއްވި މަސައްކަތެއްކަން ރައްޔިތުނަށް ފެނިގެންދިޔައީ،" ރައީސް ވިދާޅުވި އެވެ. ހަމަ އެހެންމެ އެމްޑީޕީގެ ވެރިކަމުގައި ކުރަމުން ދިޔަ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަ ދެއްކެވި ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުން ހައްޔަރުކޮށްފައިވާކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ މެންބަރުގެ ތެރޭގައި ހިމެނޭ ދެ މެންބަރަކު ރައީސް ނަޝީދުވެރިކަމުގައި ހައްޔަރުކުރެއްވެވި. ބާރުތައް ވަކި ކުރެއްވުމަށް ކުރާ މަސައްކަތުގައި ގާނޫނު އަސާސީ އާއި ގާނޫނުތައް ހަދާ މަޖިލީހުގެ މެންބަރުންނަށް ޕޮލިޓިކަލް ސްޕޭސް ދެއްވާފައި އޮތް މިންވަރު އެނގިވަޑައިގަންނަވާނެ، މިއީ ބާރުތައް ވަކިތޯ." އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެންބަރަކު އައްޔަން ނުކުރައްވާ ގިނަ ދުވަސްތަކެއް ވިކަން ރައީސް ޔާމިން ފާހަގަކުރެއްވެވި އެވެ.

"ބާރުތައް ވަކި ކުރަން މަސައްކަތްކުރާ ބަޔަކު އެބައެއްގެ ސަރުކާރުގައި އެންޓި ކޮރަޕްޝަން ހިނގިޔަ ނުދިނުމަށް އެ ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަން ޖެހޭ ބޭފުޅަކު މަޖިލީހުގެ މެޖޯރިޓީ އޮވެގެން ދެ އަހަރު ވެގެންދާ ކަމަށްވާ ނަމަ ބާރުތައް ވަކިކުރި މިންވަރު ހިތަށް ގެންނަވާ." ރައީސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ވެސް ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރައްޔިތުނަށް ފައިދާ ހުރި ކަންމުގައި ހުރަސްއަޅައި ސަރުކާރު ހިންގުމަށް ހުރަސްއަޅަމުން ކަމަށެވެ. އެހެން ކަމުން އެމްޑީޕީ މެންބަރުން ވޯޓުދޭން ޖެހެނީ ބާރުތައް ވަކި ކުރެއްވުމަށް ކަމަށް ބުނި ނަމަވެސް މާޒީގައި އެމްޑީޕީން ކަންކޮށްފައިވާ ގޮތް ރައްޔިތުންނަށް ވިސްނަދޭން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.