ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނަކު ސިޖޭރިއަނެއް ހެދުމަށް ފަހު، ލޭ މަނާ ނުވެ އޮވެ މަރުވެއްޖެ އެވެ.

އެ ހޮސްޕިޓަލަށް ގެންދިޔަ އެ އަންހެން މީހާއަކީ ހއ. އިހަވަންދޫ އަލިނޫރު، ހަލީމަތު ނަސީރު 43، އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ހަސަން މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:15 އެހާކަންހާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކުރި އެ އަންހެން މީހާގެ ސިޒޭރިއަން ހެދީ އެރޭ 1:50 އެހާކަންހާއިރު ކަމަށެވެ.

ދަރިފުޅު ވިހެވުމަށް ފަހު އަންހެންމީހާ މަރުވީ ވިހެވުމުގެ ތެރޭގައި ދިމާވި މައްސަލަތަކާ ގުޅިގެން ލޭ މަނާނުވެގެން އައިސީޔޫ އަށް ބަދަލުކުރި ފަހުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ލިބޭ ގޮތް ނުވެ އެވެ.

"ޕޭސަންޓް ނިޔާވީ ވިހެވުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއްގެ ތެރޭގައި. ޓެކްނިކަލީ ދިމާވި ކަންތައްތަކުގެ ތަފްސީލް ރިޕޯޓްތަކެއް އަދި ލިބިފައެއް ނެތް. އެ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުން ބަލާނެ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

އެމީހާ ވިހެއި ފިރިހެން ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހަލީމަތުގެ ފިރިމީހާ އާ ހަވާލާދީ އިހަވަންދޫ އޮންލައިންގައި ބުނެފައި ވަނީ އޭނާގެ އަންހެނުން ސިޒޭރިއަންއެއް ހަދަން ޖެހުނީ ވިހެވޭނެ ކަމުގެ އުއްމީދު ނެތް ކަމަށް ޑޮކްޓަރުން ބުނުމުން މަޖުބޫރުވެގެން ކަމަށެވެ.

ހަ ކުދިންގެ މަންމަގެ ސިޒޭރިއަނެއް ހަދައިގެން ވިއްސަން އެއްބަސްވީ ހަލީމަތު އުމުރުން ދުވަސްވެފައިވުމުގެ ސަބަބުން ޓިޝޫތައް ހަރުދަނޑިވެ ނުދެމޭނެތީ އާއި ފަހަރުގައި ކުއްޖާގެ ހަރަކާތްތައް ހުންނަ ގޮތަކުން ގަދަރިހުމަކާ އެކު އައިސް ރަހިމު ފަޅައިގެން ހިނގައިދާނެ ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށް ވެސް އެނާއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

އޮޕަރޭޝަނަށް ފަހު ދަރިފުޅާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނި ކަމަށާއި ނަމަވެސް އޭގެ ފަހުން ހަލީމަތުގެ ގަޔަށް ފަސް ޕައިންޓް ލޭ އެޅި ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް އޭގެފަހުން ހަލީމަތުގެ ލޭ މަނާނުވެގެން އުޅޭ ކަމަށާއި ރަހިމް ނަގަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އަންހެނުންގެ ސަލާމަތް ކުރުމަށްޓަކައި އެކަމަށް ވެސް އެއްބަސްވީ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ހޮސްޕިޓަލުން ބުނީ އާއިލާގެ ޝަކުވާއެއް އެކަމާ ގުޅިގެން އަދި ހުށަހަޅާފައިނުވާ ކަމަށާއި ވިހެވުމުގައި ކަންތައްތައް ދިމާވި ގޮތުގެ ތަފްސީލީ ރިޕޯޓް ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވާނެ ކަމަށެވެ.