އަބޫޖާ (ފެބްރުއަރީ 14): ނައިޖީރިޔާގައި ހިންގަމުން ގެންދިޔަ އިންސާނުންގެ މަހުގެ ކެއުންތައް ތައްޔާރުކުރާ ރެސްޓޯރެންޓެއް އެގައުމުގެ ފުލުހުން ބަންދުކޮށްފި އެވެ.

ނައިޖީރިޔާގެ ފުލުހުން ބުނި ގޮތުގައި އެގައުމުގެ ބޮޑު ސިޓީއެއް ކަމަށްވާ އެނަމްޕްރާގައި ހިންގަމުން ގެންދިޔަ ރެސްޓޯރެންޓެއްގައި އިންސާނުންގެ މަހުން ކެއުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ދެމުންގެންދާ ޚަބަރުތަކަކާ ގުޅިގެން އެރެސްޓޯރެންޓްގެ ބަދިގެ ބަލައި ޗެކްކުރި އިރު އިންސާނުންގެ ގޮހޮރުފަދަ އެތެރޭގެ ބައިތަކާއި ފައިގެ ކަށިތައް އެތަނުގެ ޑަސްބިންއިން ފެނިފައިވާ ކަމުގަ އެވެ. އަދި ޚާއްސަ ޑިޝްތަކުގެ ގޮތުގައި އިންސާނުންގެ މަހުން ތައްޔާރުކޮށްފައިވާ އެކިބާވަތްތަކުގެ ޑިޝްތަކާއި ރޯސްކޮށްފައިވާ އިންސާނުންގެ ބޯތައް ވެސް އެތަނުން ފެނިފައިވާތީ ވަގުތުން އެތަން ބަންދުކޮށް އެތަނުގެ ވެރިފަރާތާއި އެތަނުގައި މަސައްކަތްކުރާ 17 މީހުންހައްޔަރުކޮށްފައިވާ ކަމަށް ވެސް ނައިޖީރިޔާ ފުލުހުން ބުނެ އެވެ.

އެ ރެސްޓޯރެންޓުން އިންސާނުންގެ މަހުގެ ޑިޝްއެއް ކައިފައިވާ ކަސްޓަމަރަކާ ޙަވާލާދީ ނައިޖީރިޔާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން އެތަނުންއޭނާ އަށް ވަރަށް ޚާއްސަ ޑިޝްއެއް ގެނަސްދިނެވެ. މަހުގެ އެޑިޝް ކެއުމަށް ފަހު އޭގެ ބިލްއައުމުން ބިލް އާދަޔާ ޚިލާފަށް ބޮޑުވުމުން އެއީ ކޮންބާވަތެއްގެ ޑިޝްއެއްތޯ ސުވާލުކުރުމުން އެއީ އިންސާނުންގެ މަހުން ތައްޔާރުކޮށްފައިވާ ޑިޝްއެއްކަމަށް އެރެސްޓޯރެންޓުން ބުނިކަމަށާ މިއާއެކު މޭނުބައިކޮށް ހޮޑުލެވިފައިވާ ކަމަށް އެމީހާ ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނައިޖީރިޔާ ފުލުހުން ހައްޔަރުކުރި އެރެސްޓޯރެންޓުގެ މުވައްޒަފުންގެ އަތުން ވަނީ ބަޑިއާއި އެނޫން ވެސް ބައެއް ހަތިޔާރު ފެނިފަ އެވެ. މިތަކެއްޗަކީ ފަގީރުންގެ އަވަށްތަކަށް ގޮސް މީހުން މެރުމަށް (މަސްބޭނުން ކުރުމަށްޓަކައި އިންސާނުން ޝިކާރަ ކުރުމަށް) ބޭނުންކުރާ ތަކެތިކަމަށް ޝައްކުކުރެވޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)