14 Feb 2014, 14:24
ރޯމް (ފެބްރުއަރީ 14): މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެކަން އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލިޓާ އިޢްލާން ކުރައްވައިފި އެވެ.
ލިޓާ ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ނެތުމުން ވެރިކަމުގައި ހުންނެވުމުގެ ބޭނުމެއްނެތް ކަމުގަ އެވެ. އިޓަލީގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމް މެތިޔޯ ރިންޒީ އިއްޔެ ވިދާޅުވެފައި ވަނީ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އިޓަލީ ސަލާމަތް ކުރުމަށްޓަކައި ލިޓާގެ ސަރކާރަށް ވުރެ ޙަރަކާތްތެރި ސަރުކާރެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށާއި އެފަދަ ސަރުކާރެއްގެ ވެރިއަކަށްވެ ވަޑައިގަތުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމުގަ އެވެ.
މިދިޔަ އަހަރުގެ މެދެއްހާ ހިސާބު އިޓަލީގެ ބޮޑުވަޒީރު ކަމާ ޙަވާލުވެ ވަޑައިގެންނެވި އެންރީކޯ ލިޓާ އަކީ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ބޭފުޅެއް ނަމަވެސް އެ ޕާޓީގެ ޒަޢިމް ރިންޒީ މިމޭރުމުން ވާހަކަ ދެއްކެވުމުން ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ލިޓާގެ ސަރުކާރަށް ނެތްކަން ހާމަވެގެން ދިޔަކަމަށް ލިޓާ ވިދާޅުވި އެވެ. އަދި ރިންޒީގެ ޒައާމަތުގެ ދަށުގައި އައު ސަރުކާރެއް އެކުލަވާލުމަށް މަގުފަހި ކުރުމުގެ ގޮތުން އިޓަލީގެ ރައީސް ޖޯޖިޔޯ ނަބުލިތާނޫއަށް އިސްތިއުފާގެ ސިޓީ މިއަދު ހުށަހަޅުއްވައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ވެސް ލިޓާ ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ތާއީދުނެތި ޕާލަމެންޓްގައި ލިޓާގެ ސަރުކާރާ ދެކޮޅަށް އިތުބާރުގެ ވޯޓެއް ނަގައިފި ނަމަ އެ ސަރުކާރު ވަރަށް ފަސޭހައިން ވެއްޓޭނެކަމަށް ވަނީ ބެލެވިފަ އެވެ. މިދިޔަ އަހަރުގެ މެދެއްހާ ހިސާބު އިޓަލީގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ލިޓާގެ ސަރުކާރާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އިޓަލީ އަށް ބޭނުންވާ އިގްތިސާދީ އިސްލާހްތައް ގެނައުން ލަސްވުމާއި އިގްތިސާދަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ޙައްލުކުރުމުގައި ނާކާމިޔާބުވުން ހިމެނެ އެވެ.
ޔޫރަޕްގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިޓަލީގެ އިގްތިސާދަށް މީގެ ފަސްވަރަކަށް އަހަރުން ފެށިގެން ކުރިމަތިވެފައިވާ މައްސަލަތަކަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ މައްސަލަތައް ކަމަށްވާއިރު މިމައްސަލަތަކުން ސަލާމަތް ވެވޭނެ ގޮތެއް އިޓަލީ އަށް އަދި ފެނިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)