ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް އާދީއްތަ ދުވަހު ފުލުހުންގެ އިދާރާއިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ހާޒިރުވެވަޑައި ގެންދެއްވުމަށް އެ ކޮމިޓީން އެދިއްޖެ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގާ ބެހޭ މައުލޫމާތު ހޯދުމަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށް ފުލުހުންގެ އިދާރާއިން ކަނޑައަޅުއްވާ ބޭފުޅަކު ވަޑައިގެންދެއްވުމަށް އެދި ދަންނަވާފައިވާ ކަމަށެވެ.

"ފުލުހުން ކޮމިޓީއަށް ވަޑައިގެންނަވާނީ އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައިދެއްވުމަށް، ވަކި ބޭފުޅަކު ކޮމިޓީއަށް ވަޑައިގަތުމަކަށް އަންގާފައެއް ނުވާނެ، އެބޭފުޅުން ކަނޑައަޅުއްވާ ފުލުހުންގެ އިސް ބޭފުޅަކު ވަޑައިގެންނަވާނީ،" އިންތި ވިދާޅުވީ އެވެ.

ތޫނު އެއްޗަކުން އަލްހާނުގެ ބުރަކަށްޓަށް ބަޔަކު ހަމަލާދީފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބްރޭކް ވޯޓާ ރެސްޓޯރެންޓްގައި ރައްޓެހިންތަކަކާ އެކު ކޮފީއެއްގައި އިންނަވަނިކޮށެވެ. އެ ހަމަލާގައި އޭނާގެ މައިމަދައަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް މިހާރު ގެންދަނީ ކޮލަމްބޯގެ ޓައުން ހޯލްގައި ހުންނަ ސެންޓްރަލް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ޏ. ފުވައްމުލައް، ދަޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމެވެ.