ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި މައްސަލައެއް އުޅޭ ނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1571 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު އާއްމުންގެ ފަރާތުން ހުށަހަޅާފައި ވަނީ 120 ޝަކުވާ ކަމަށެވެ. އަދި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމުން ކަމަށާއި އެ ޕާޓީން 1385 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅޫ އެމްޑީޕީން ހުށަހަޅާފައި ވަނީ 60 މައްސަލައެއް ކަން ޝަކީލް ފާހަގަކުރެއްވި އެވެ.

ނަމަވެސް ހުށަހަޅާފައިވާ ޝަކުވާތަކުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ހުރިހާ މައްސަލައަކަށް ވެސް އަޅުގަނޑުމެން ވަކިވަކިން އެޓެންޑް ކުރާނަން، ނަމަވެސް ލިސްޓްގައި ނަން ނެތް މައްސަލައެއް އޮވެގެން އެފަދަ މައްސަލައަކާ މިހާރު ކުރެވޭނެ ކަމެއް ނޯންނާނެ، ޑީއެންއާރަށް ޝަކުވާތައް ފޮނުވައިގެން އިސްލާހު ކުރުމުގެ މަސައްކަތް ކުރާނީ،" ޝަކީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.