އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ އުދުވާނަށް މަސައްކަތްކުރުމަށް އެހީތެރިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ ސަރުކާރު ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޕޭން ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިފަހަރު އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ އުދުވާނަށް މަސައްކަތްކުރުމަށް އެހީތެރިވުން ކަމަށާއި އެކެނޑިޑޭޓުންނަށް ވޯޓު ދިނުމުގައި މާޒީގައި ކަންވެފައި އޮތް ގޮތް ބަލަންޖެހޭ ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެވި މެންބަރުންނަށް އެހީތެރިވުމާއި ވޯޓު ދީ ވޯޓު ހޯދަން މަސައްކަތް ކުރުމަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ފާފަވެރި ކަމަށް، އުދުވާނަށް މަސައްކަތް ކުރުމަށް އެހީތެރިވުން،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ޝަރުއީ ނިޒާމް ފުޑުފުޑު ކޮށްލަން މަސައްކަތް ކުރެއްވި ކަމަށް ފާހަގަކުރައްވާ ރޭގެ ޖަލްސާގައި ޖަމީލް ވަނީ ނަޝީދުގެ ވެރިކަމުގައި ޝަރުއީ ނިޒާމަށް ގޮންޖައްސަވާ ކުރެއްވި ކަންތައްތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި ޖުޑީޝަލް އެޑް މިނިސްޓްރޭޝަން ބަންދުކުރައްވާ ސުޕްރީމް ކޯޓު ހިންގުމަށް ބަޔަކު ކަނޑައެޅި މައްސަލައަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާ ޖަމީލް ވިދާޅުވީ އެކަމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ހުރިހާ ކޯޓުތަކެއް އުވާލައި ޖުޑީޝަލް ރިފޯމް ކޮމިޝަނެއް ހަދަން ނިންމެވި ނިންމެވުމަށް ވެސް ޖަމީލް ވަނީ ފާޑުވިދާޅުވެފަ އެވެ.

މީގެ އިތުރުން ބާރުތައް ވަކިކުރުމަށް ވަކާލާތުކުރެއްވި ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރުން ހުވާކުރަން އޮތް ދުވަހު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނަޝީދު އައްޔަންކުރެއްވި އާއިޝަތު ވެލެޒިނީ އެކަމަށް ހުރަސް އެޅުއްވި މައްސަލައަށާއި ބާރުތައް ވަކިކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން މަޖިލިސް ކައިރީގައި ރަތް ދޫލަ އަޅައި މ. ކިނބިގަސްދޮށުގެ ސިޓީ ކައުންސިލަށް ނެގި ކަމަށް ގަރާރެއް ފާސްކުރި ކުރުމަށް ވެސް ރޭގެ ޖަލްސާފައި ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރުންނަށާއި ހައްގެއް ނެތް ރައްޔިތުންނަށް އަނިޔާކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެއްސެވި ކަމަކަށް ދެކޮޅު ނެހެދޭނެ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މިނިވަން ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު ޝަރުއީ ނިޒާމެއް ވުޖޫދަށް އައުމަށް ގިނަ ޒުވާނުންތަކެއް ބޭނުންވި ކަމަށާއި އެކަމަށް ފުރިހަމަ ބާރު ލިބިގެންދިޔައީ ރައީސް މައުމޫން 2008 ވަނަ އަހަރު ފާސްކޮށްދެއްވި ފެހި ގާނޫނު އަސާސީން ކަމަށެވެ.

"ރައީސް މައުމޫން 2008 ވަނަ އަހަރު ފާސްކޮށްދެއްވި ގާނޫނު އަސާސީގައި ފުރިހަމަ ބާރުތަކެއް އޮތީ ކަނޑައަޅާފައި. ފުރިހަމަ ޖުޑީޝަރީއެއް އޮތީ ކަނޑައަޅާފައި. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓު ވުޖޫދަށް އައީ. ފުރަތަމަ ފަހަރަށް ގިންތި ތަކަކަށް ބެހިގެން އައީ. ފަނޑިޔާރުންނަށް ބޮޑެތި އިނާޔަތްތަކެއް ކަނޑައެޅިގެން ދިޔައީ،" ނައިބު ރައީސް ވިދާޅުވި އެވެ.