ކުރިއަށް އޮތް އާންމު އިންތިހާބަށް ފަހު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުމާ އެކު ސަރުކާރުގެ ވައުދުތައް ފުއްދަން ފަށާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ސަރުކާރު ކޯލިޝަނުން ރޭ ބޭއްވި "ގުޅިގެން މަޖިލިސް ވެސް ޔަގީން" ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު ސިޔާމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގިނަ ގޮނޑިތައް ލިބިއްޖެ ނަމަ ސަރުކާރުވެފައިވާ ވައުދުތަކުގެ "ފޮނި މީރުކަން" ރައްޔިތުން ދެކޭނެ ކަމަށެވެ.

"މަޖިލިސް އަޅުގަނޑުމެނަށް ލިބުމާއެކީގައި އަޅުގަނޑުމެންގެ ރިޔާސީ ވައުދުތައް އޭގެ ފޮނި މީރުކަމާ އެކު މާގިނަ ދުވަސްތަކެއް ނުވެ ފުރިހަމަ ކަމާއެކު ފުއްދަދޭނެ ކަމުގެ ވާހަކަ ރައްޔިތުނަށް ދަންނަވާލަން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެފި ނަމަ އެ ބުނެވެނީ ރާއްޖެ ތަރައްގީ އަށް ނޫނެކޭ ކަމަށާއި އެ ނިންމުން ރައްޔިތުން ނުނިންމާނެ ކަމަށެވެ.

ރައްޔިތުން ވިސްނަންވީ ޒުވާނުންގެ މުސްތަގުބަލު ލިބޭނެ ގޮތަކަށް ކަމަށާއި ގައުމުގެ ހަމަޖެހުން ނަގާލާނެ ބަޔަކަށް ފުރުސަތު ދިނުމަކީ ރައްޔިތުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް މެންބަރުން ވަނީ ބައިވެރިވަޑައިގެންފަ އެވެ.