10:00


އިތުބާރު ނެތްކަމުގެ ވޯޓުން އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް ސަލާމަތްވެވަޑައި ނުގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދަންނަވާފައިވާނެ ކަމަށް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.


ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރުމަށް އާޓިފިޝަލް ބީޗުގައި ޑީއާރުޕީން ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ނަޝީދު ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންނެވުމުން މުލީއާގެއަށް އޭނާ އިއްޔެ ވަޑައިގެންނެވި ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއެކު ބޭއްވެވި އެ ބައްދަލު ކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކެވި ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ނައީމް ސަލާމަތްވާނެ ގޮތެއް ނެތްތޯ ރައީސް ނަޝީދު އެއްސެވުމުން، އިތުބާރު ނެތްކަމުގެ ވޯޓު މިފަހަރު ނެގޭނެ ކަމަށާއި، ނައީމް ސަލާމަތްވެވަޑައިނުގެންނެވޭނެ ކަމަށް ރައީސް ނަޝީދަށް ދެންނެވި ކަމަށް ވެސްއަބްދުއްރަހީމް ވިދާޅުވި އެވެ.


ރޭގެ އެއްވުމުގައި ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އާއި ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އަދި އެއްވުން ކުރިއަށް ދަނިކޮށް، ދިޔާ އެއްޗެއް އަޅާފައި ހުރި ފުޅިއެއް ޑީއާރުޕީ އޮފީސް ކުރިމަތިން، އާޓިފިޝަލް ބީޗާ ފަރާތު ޕޭމަންޓުމަތީގައި ވަނީ ގޮއްވާލައިފަ އެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ވެސް ގެއްލުމެއްނުވެ އެވެ.