ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބެފުޅަކު އައްޔަން ނުކުރައްވައިގެން އުޅެނީ ރާއްޖޭގައި ޖިނާއީ ކުށްތައް މަދުކުރަން އެމްޑީޕީން ބޭނުންނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޕޭން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އެދެނީ ރާއްޖޭގައި ހިނގާ ބޮޑެތި މާރާމާރީތަތައް ހުއްޓުވަން ކަމަށާއި ނަމަވެސް އެފަދަ ކުށްތަކަށް ދައުވާ ކުރާނެ ޕްރޮސެކިއުޓާ ޖެނެރަލަކު މިއަދު ނެތްކަމަށެވެ.

ރައީސް ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައި ނުވަނީ އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ދައުވާކޮށްފާނެ ކަމަށް ގަބޫލުކުރެވިގެން ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކުށްމަދުކުރަން ބޭނުންނުވާތީ އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ ފަރާތުން ކުށްތަކެއް ހުރެގެން އެބޭފުޅުންނާ ދޭތެރޭ ދައުވާ ކޮށްފާނެކަމަށް ގަބޫލު ކުރެވޭތީ ކަންނޭގެ ޕްރޮސެކިއުޓާ ޖެނެރަލަކު އައްޔަން ކުރުން ލަސްވެގެން ދަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުވާފައިވާއިރު އެފަރާތުގެ ކިބައިގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން އެކަށީގެން ނުވާ އަދި އުނި ސިފަތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައި ނުވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އަމަލުތައް މިހާރު ބަހައްޓަމުންދާ ގޮތަށް ބަލާއިރު ބާރުތައް ވަކި ކުރުމުގައި އެ ޕާޓީން ޒިންމާދާރުވެފައިވާ މިންވަރާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުގައި ދީފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވެސް ވަނީ ވީހާވެސް އަވަހަކަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ.