ޓޯޔާޑުގައި ހުރި ވެހިކަލްތައް ނައްތާލުމުގެ މަރުހަލާ ހުއްޓާލުމަށް މަޖިލީހުގެ ކޮމެޓީން އަންގާފައި ވީނަމަވެސް އެ ވެހިކަލްތައް ނައްތާލެވޭނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބައިރު ވިދާޅުވީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގައިވާ ހުރިހާ ބާރެއް ބޭނުންކުރުމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ.

"މިހާރުވެސް ޓޯޔާޑުގައި ވަރަށް ގިނަދުވަސްވީ އުޅަނދުތައް އެބަހުރި ނުގެންދެވި. ދެން ގާނޫނުގެ ދަށުން ވެހިކަލެއް ނަގައި ވެރިފަރާތައް އަންގައި އިއުލާންކުރުމުގެ މަރުހަލާ އޮވޭ. މިހާރު ރެޖިސްޓާޑް ޕޯސްޓުން ފޮނުވުމުގެ މަރުހަލާވެސް އޮވޭ. އެކަން ކުރަމުންދަނިކޮށް ވަކި ހިސާބަކަށް ގޮސްފައި މަޖިލީހުގެ ކޮމެޓީން އެކަން ވަނީ ހުއްޓުވާފައި،" ޒުބައިރު ވިދާޅުވި އެވެ.

ޓޯޔާޑުގައި ނުގެންގޮސް ގިނަ ދުވަސް ވެފައިހުރި ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް، ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުއްޓުވައިފަ އެވެ.

ޒުބައިރު ވިދާޅުވީ ވެހިކަލްތައް ނައްތާލުމަށްޓަކައި ބޭނުންވާ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަ ނައިބާއި އެކުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވެހިކަލްތައް ނައްތާލުމުގައި މިހާރު އަމަލުކުރަމުންދާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަންޑާރަ ނައިބް ލަފާ ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތަކާއި ގުޅިގެން އަދި ރަސްމީ ލިޔެކިޔުމެއް ބަންޑާރަ ނައިބްގެ އޮފީހުން ލިބިފައިނުވާ ކަމަށާއި އެ ލިޔެކިޔުންތައް ފުރިހަމަވެ ނިމުނުހާ އަވަހަކަށް ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް ޒުބައިރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލީ ވެސް ވިދާޅުވީ ރާއްޖޭގައި ގަވާއިދުތަކާއި ގާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް އެކަން ތަންފީޒު ކުރެވިގެން ނުދާ ކަމަށެވެ. އަދި ގަވާއިދެއް ހަދަންޖެހޭނީ ތަންފީޒު ކުރެވޭ ފެންވަރުގެ ގަވާއިދުތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ވަރަކަށް އަހަރުކުރިން އަޅުނގަޑުމެން އުޅަނދުތަކުގައި ތަޅުއެޅުވިން. ނެގެންދެންނެއް ނުބަހައްޓާ. ތަޅުއަޅުވާފައި ނެގުމަށްފަހު ވަކި މުއްދަތެއް ދިނުމަށްފަހު ނައްތާލަނީ. ނަމަވެސް މިހާރު އެ ގަވާއިދުތަކެއް ތަންފީޒު ކުރެވިގެންނެއް ނުދޭ." ހަމީދު ވިދާޅުވި އެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ވެރިފަރާތުން ގެންގޮސްފައިނުވާ 242 ވެހިކަލެއް ޓޯޔާޑަށް ގެނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.