13 Feb 2014, 22:26
ފާއިތުވިތަނުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިފައިވާ ކަންތައްތަކަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އައްޝައިޚް އަހްމަދު ޒާހިރުގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ހ. މޫނިމާ ހިނގުމުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަމުންނެވެ.
އޭނާ ވިދާޅުވީ މާޒީގެ ތަޖުރިބާތަކަށް ބަލައި ރާއްޖޭގެ ސިޔާސީ މަސްރަހު ރިވެތި ގޮތުގައި ބައްޓަން ކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންނަށް އެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން މިރޭ ފެށި ފެށުމަކީ އިރާދަކުއްރެއްވިއްޔާ ކާމިޔާބުކުރާނެ ފެށުމެއް ކަމަށާއި ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތުން ހީވާގި މުރާލި ބަޔަކު ނުކުމެ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހިފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިރޭ އަޅުގަނޑުމެން މިފެށީ އެނބުރި ފަހަތަށް ނުދާނެ ފެށުމެއް. ﷲ އިރާދަކުރެއްވިޔާ ކާމިޔާބު ކުރާނެ ފެށުމެއް. ރާއްޖޭގެ މިއަދުގެ ހާލަތު އޮތް ހިސާބުން ވަރަށް ހީވާގި މުރާލި ކެރޭ ބަޔަކު ނުކުމެ ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ނަމޫނާ ދައްކަންޖެހޭ،" އިމްރާން ވިދާޅުވި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަދާލަތު ޕާޓީން ހުޅުވި ފުރަތަމަ ކެންޕޭން ޖަގަހަ އެވެ. އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.