އަގުބޮޑު އިނާމުތަކަކާއި އެކު ކަސްޓަމަރުންނަށް ހެޔޮއަގުގައި މުދާ ފޯރު ކޮށް ދިނުމަށް މުނީ ހޯމް ކެއާއިން "ވިޒިޓް އެންޑް ވިން ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަމީނީ މަގުގައި ހުންނަ މުނީ ހޯމް ކެއާގެ މައި ފިހާރައިގައި އެ ޕްރޮމޯޝަން މިރޭ ފައްޓަވައިދެއްވީ މުނީ ހޯމް ކެއާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ލަހުރާ ދިޝާން އެވެ.

ޕްރޮމޯޝަން ފައްޓަވައިދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ލަހުރާ ވިދާޅުވީ އެންމެ ފެންވަރުގެ ތަކެތި ހެޔޮ އަގުގައި ހަމައެކަނި ދޭ ފިހާރަ އަކީ މުނީ ހޯމްކެއާ ކަމަށާއި އެގޮތުން މިރޭ ފެށި ސޭލ އެ ގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ކޮލިޓީ ރަނގަޅު މުދާތަކެއް ފޯރުކޮށްދީ އާ ބްރޭންޑްތައް އިޝްތިހާރުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮމޯޝަންގައި މުނީ ހޯމްކެއާ އިން މުދާ ބައްލަވައި ނުގަތް ކަމުގައި ވީނަމަވެސް ކޮންމެ ފިހާރައަށް ޒިޔާރަތްކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަނެއް ފުރާލައިގެން ނަސީބު ވަޒަންކޮށްލެވިދާނެ ކަމަށާއި އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގު ބޮޑު އިނާމުތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެއްވަނަ އިނާމެއްގެ ގޮތުގައި ލިބޭނީ 15000 ރުފިޔާގެ ބެޑްރޫމްސެޓެއް. ދެވަނަ އިނާމެއްގެ ގޮތުގައި ލިބޭނީ 7000 ރުފިޔާގެ ސޯފާ ސެޓެއް. އަދި ތިންވަނަ އިނާމެއްގެ ގޮތުގައި ލިބޭނީ 6000 ރުފިޔާގެ ގޭސް އުނދުނެއް،" ލަހުރާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާއި ހަމައަށް އަމީނީ މަގުގައި ހުންނަ މުނީ ހޯމް ކެއާގެ ފިހާރައާއި ބާޒާރު މަތީގައި ހުންނަ މުނީ ހޯމް ޓްރޭޑާސް ގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 2000ރ. ގެ ފައިސާގެ އިނާމް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.