13 Feb 2014, 21:16
މަގުމަތީގެ ރައްކާތެރިކަމާއި މެދު އާއްމުން ހޭލުންތެރިކުރުވުމަށް ފަށާފައިވާ "ފުރަތަމަ ރައްކާތެރިކަން" ކެމްޕޭންގެ ދަށުން މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ޓްރާސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.
ޓްރާސްޕޯޓް އޮތރިޓީ އާއި މާލޭ ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ އެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ޓްރާސްޕޯޓް އޮތޯރިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދް އަލީ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެޕްރޮގްރާމްގައި މަގުތަކަށް "އުކާލާފައި" ހުރި ވެހިކަލްތައް ނަންގަވާނެ ކަމަށެވެ.
"މާލޭގެ ގިނަ މަގުތަކުގައި ޒޯން ވިޔަސް ޒޯނުން ބޭރުވިޔަސް. ތިން ފުރޮޅު ނުވަތަ ދެ ފުރޮޅު ނައްޓާފަ އިންޖީނު ނަގާފަ ހުރި ވަރަށް ގިނަ އުޅަނދުތަކެއް އެބަހުރި. މިގޮތަށްހުރި އުޅަނދުތަކަށް އިސްކަންދީގެން އަދި ވަގުތު ހުރި މިވަންވަރަކުން ގަވާއިދާ ހިލާފަށްހުރި އެހެނިހެން އުޅަނދުތައްވެސް ނަގާނަން." އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ގަވާއިދާ ހިލާފަށް ހުރި ވެހިކަލްތައް ނަގާނެ ކަމަށް ސިޓީ ކައުންސިލުން މިދިޔަ މަހުގެ ފަހުކޮޅު އިއުލާންކޮށް އެތަކެތީގެ ވެރިފަރާތުން އެތަކެތި ނެގުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު އޮންނަ އެ ޕްރޮގްރާމްގައި އެގޮތަށް ހުރި ވެހިކަލްތައް ނެގުމުގައި ދިމާވާ ގެއްލުމަށް އެއްވެސް ޒިންމާއެއް ނުނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި އެމްޓީސީސީ، އެމްޕީއެލް އަދި އެސްޓީއޯ ފަދަ ބޮޑެތި މުއައްސަސާތަކުން ބައިވެރިވާއިރު ގަވާއިދާ ހިލާފަށް ނެގޭ އުޅަނދުތައް ނެގުމަށްފަހު، އެންމެ ބޮޑަށް ހަލާކުވެފައި ހުރި ވެހިކަލްތައް ގެންދާނީ ތާޖުއްދީން ސްކޫލް ފުރަގަހުގައި އޮންނަ "ވަކަޗުކީ" ކޮށްޓަށެވެ. އަދި އެހެނިހެން ވެހިކަލްތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ގާކޮށްޓަށެވެ.
"ހަލާކުވެގެން ގެންދާ ވެހިކަލްތައް ވަކަޗުކީ ކޮށްޓަށް ގެންދިއުމަށްފަހު ސިޓީ ކައުންސިލުން އިއުލާން ކުރާނަން އެ ތަކެތި ހުންނާނީ މިވެނި ދުވަހެއްގަ އޭ. އެ މުއްދަތުގެ ތެރޭގައި އެ ފެންވަރުގައި ހުރި ތަކެތި އަޅުނގަޑުމެން ނައްތާލާނަން. އެ ކޮށްޓަކު މާ ގިނަ ދުވަހު އެ އެއްޗިއްސެއް ނުބަހައްޓާނަން،" ހަމީދް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނީ، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށްފަހު އެ އުޅނަދުތައް ދޫކުރާނީ ޖޫރިމަނާއަކަށް ފަހުގައި ކަމަށެވެ.
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ވެރިފަރާތުން ގެންގޮސްފައިނުވާ 242 ވެހިކަލެއް ޓޯޔާޑަށް ގެނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.