13 Feb 2014, 20:38
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ހިދުމަތްތައް ރަނގަޅުކޮށް ފުޅާ ކުރުމަށް ޓަކައި މަތިންދާ ބޯޓަށް ފަސިންޖަރުން އުފުލުމަށްޓަކައި ހަތަރު ބަހާއި މުދާ ލޯޑުކުރާ އިތުރު އުޅަނދުތަކެއް ތައާރަފް ކޮށްފި އެވެ.
އައިއެންއައިއޭ ގެ ގްރައުޑް ހޭޑްލިންގެ ހިދުމަތް ހަލުވިކުރުވުމަށް ޓަކައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓަށް މިއަދު ތައާރަފްކޮށްފައިވަނީ ފަސިންޖަރުން އަރުވާ ބާލާ ހަތަރު ބަހާއި މަތިންދާ ބޯޓަށް ކާގޯ އަދި ބެގޭޖް އަރުވާ ބޭލުމަށް ބޭނުންކުރާ ހައި- ލޯޑާސްގެ ތިން އުޅަނދާއި ޔުނިވާސަލް ލޯޑާސްގެ އެއް އުޅަނދެވެ.
އުޅަނދުތައް ޑްރައިވަރުންނާ ހަވާލުކޮށްދެއްވީ އެކަމަށް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އިސް އޮފިޝަލުންނާއި އެއާލައިންތަކުގެ އިސް އޮފިޝަލުންނެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ކަނޑައަޅާފައިވާ އެ ޕްރޮގްރާމަށް އެމްއޭސީއެލް އިން ފަސް މިލިއަން ޑޮލަރު ހަރުދުކުރާއިރު މިދިޔަ މަހުގެ ކުރީ ކޮޅުގައިވެސް ވަނީ ފަސިންޖަރުންގެ މުދާ އުފުލާ މުޅިން އައު ޕެކޭޖް ޓްރަކްޓަރުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ.
އެއާޕޯޓުގެ ހިދުމަތްތައް ރަނގަޅުކޮށް ފުޅާ ކުރުމަށް ޓަކައި އެމްއޭސީއެލްއިން ފަށާފައިވާ އެ ޕްރޮގްރާމާއި ގުޅޭގޮތުން މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ސާމާނެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ގެނެސް ނިމޭނެ ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ހުރިހާ އުޅަނދުތަކެއް ގެނެސް ނިމުމުން އެއާޕޯޓުގެ މިހާރުގެ ތޮއްޖެހުން ލުއިވެ ބަރާބަރަށް މުދާ އަރުވާ ބާލައި ހެނދޭނެ ކަމަށް ބަންދު ވިދާޅުވެފައިވެ އެވެ.