13 Feb 2014, 20:13
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާ އަށް އަމިއްލަގޮތުން ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު ޒާހިރު އާދަމް ނަން އަނބުރާ ގެންދަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވީ ޒާހިރު އާދަމް ނަން އަނބުރާ ގެންދަވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ބަހާލިއިރު ގައްދޫ ދާއިރާ ލިބިފައި ވަނީ އެމްޑީއޭ އަށެވެ. ނަމަވެސް އެ ޕާޓީން އެ ދާއިރާ އަށް ކެންޑިޑޭޓަކު ވާދަކޮށްފައި ނުވާތީ ޕީޕީއެމުން ވަނީ އެ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެފަ އެވެ.
ޝަކީލް ވިދާޅުވީ ޒާހިރު އާދަމްގެ އިތުރުން ހުޅުދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އަށް އަމިއްލަގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.