މަތީ ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ ދިވެހީން އެނބުރި ރާއްޖެ އައުމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފި އެވެ.

ނާއިބް ރައީސް މިކަމަށް ގޮވާލެއްވީ ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ފެށި "ޔޫތު ޗެލެންޖް، ކިއްސަރު 2014" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބް ރައީސް ވިދާޅުވީ ރާއްޖޭގައި މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ނެތްކަމަށް ބުނެ ގިނަ ޒުވާނުން ރާއްޖެއިން ބޭރަށް ތައުލީމް ހާސިލްކުރުމަށްދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ފުރުސަތު ނެތްކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން. ތިޔަ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބަ އޮތް. ރާއްޖެއިން ބޭރަށް ގިނަ ޒުވާނުން ކިޔަވަންދޭ. ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު އެބަ އޮތް. އަދި އެނޫން އެހެން ގޮތްގޮތަށް ވެސް އަޅުގަނޑުމެންގެ ހުރި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ތަފާތު ދާއިރާތައް އެބަހުރި،" ނާއިބް ރައީސް ވިދާޅުވި އެވެ.

ބޭރުގައުމުތަކުގައި ވަޒަންވެރިވެގެން ތިބިނަމަވެސް، އެންމެ ފަސޭހަކަމާ އެކީ އާމްދަނީ ހޯދޭ ގައުމަކީ ރާއްޖެ ކަމަށް ދިވެހި ޒުވާނުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އެސަބަށްޓަކައި އެނބުރި ރާއްޖެ އައުމަށް ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

"ބައެއް ފަހަރު ރާއްޖެއިން ބޭރަށްދާ ކުދިން އަނބުރާ ރާއްޖެ ނާންނަ މައްސަލަ އަޅުގަޑުމެންނަށް ދިމާވެފައިވާ މައްސަލައެއް. އެހެންނަމަވެސް އެތަންތާނގައި ދިރިއުޅެމުންދާ ވަޒަންވެރިވެފައިވާ ދިވެހި ކުދިން ގަބޫލުކުރާ ހަގީގަތެއް އޮވޭ. އެއީ އަދިވެސް އެއްވެސް އެއްތަނަކުން ފަސޭހަކަމާ އެކީ އާމްދަނީ، ފައިސާ ހޯދޭ ކަމުގައިވާނަމަ އެތަނަކީ އަދިވެސް ރާއްޖެ ކަމަށް. އެހެންވީމަ އަޅުގަނޑު ގޮވާލަން. ރާއްޖެއިން ބޭރުގައިތިބި ރާއްޖޭގެ އިލްމީ ޚަޒާނާތައް، މި މުއްސަނދި ކުދިން އަނބުރާ ރާއްޖެ އަންނަން،" ނާއިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ ހުވަފެންތައް ހަގީތަކަށް ހެދޭނެފަދަ މާހައުލެއް ސަރުކާރުން އިސްނަގައިގެން ރާއްޖޭގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ޒުވާނުންނަށް އަމާޒުކޮށްގެން ލޯންސްކީމެއް ތައާރަފްކޮށްފައިވާ ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނާއިބް ރައީސް ވަނީ ޒުވާނުން ބިނާކުރުމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.