13 Feb 2014, 18:10
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ޝެޑިއުލްކޮށްފައި އޮތް ގއ. ކޮނޑޭ ރަށު ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު ހައިކޯޓުން ހުއްޓުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކޮނޑޭ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުމާ ގުޅޭ ގޮތުން ހައިކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން، އެކޯޓުން ވަކި ގޮތެއް އަންގަންދެން އިންތިހާބު ލަސްކުރުމަށް އެކޮމިޝަނަށް ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ.
ކޮނޑޭ ކައުންސިލްގެ އިންތިހާބު ހައިކޯޓުން ހުއްޓުވާފައިވަނީ، އެންމެ ފަހުން ބޭއްވި، އެ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުމުގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހައިކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނެފައިވަނީ، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން، ކޮނޑޭ ކައުންސިލްގެ އިންތިހާބު ބޭއްވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.