13 Feb 2014, 17:41
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑޭވިޑް ޑޭލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފި އެވެ.
ފަތްކޮޅު އެރުއްވުމަށް ،ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އީޔޫގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
އީޔޫގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އާ ސަފީރުގެ ސަފީރު ކަމުގައި އެ ޖަމްއިއްޔާއާ ދެމެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާއި ވިލާތުގެ ގައުމުތަކާ ދެމެދުގައި އޮންނަ ގުޅުމަކީ، ރާއްޖެއިން އަބަދުވެސް ވަރަށް މުހިންމު ކަމެއް ދީގެން ދަމަހައްޓާ ގުޅުމެއްކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ވިލާތުގެ ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގާއުމުތަކުގެ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމާ ގުޅިގެން ރާއްޖެއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ސިނާއަތު ފުޅާކުރުމުގައި އީޔޫގެ އެހީތެރިކަން ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން، ބައިނަލްއަގްވާމީ އެކިއެކި ޖަމާއަތްތަކުގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ.
ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ސިޔާސީގޮތުން ރާއްޖެއަށް އައި ހަލަބޮލި ކަމާއި އިޖުތިމާއީ ހާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ނިންމަވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، އީޔޫގެ ސަފީރާ ހިއްސާކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސަފީރު ޑޭލީ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވި އެވެ. އަދި، އީޔޫ އިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ކުރިއަށް އޮތްތާނގައިވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.