13 Feb 2014, 17:22
އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުނަށް ހާއްސަކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނ (އެމްބީސީ) އިން ބާއްވާ ބަހުސް މި މަހުގެ 20 ވަނަ ދުވަހު ފެއްޓުމަށް ހަމަޖައްސައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ބަހުސް ބާއްވާނެ ތާވަލާއި ގުރުއަތުލުން ބާއްވައިފަ އެވެ.
ޓީވީ އާއި ރޭޑިއޯ އިން ވަގުތުން ދެކުމަށް ހަމަޖެހިފައިވާ ދާއިރާ ބަހުސް އޮންނާނީ މި މަހުގެ 20 ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގައި އެކި ދަންފަޅިތަކުގައި ބަހުސް ގެނެސް ދިނުމަށް ވަނީ ހަމަ ޖައްސައިފަ އެވެ.
ޓީވީއެމްގެ އެގްޒެޓިވް އެޑިޓަރު މުހައްމަދު ޖަމީލް ވިދާޅުވީ ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ކަމަށެވެ. ޖަމީލް ވިދާޅުވީ ބަހުސްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމަށް ފަހު ޕާޓީތަކަށް އެކަން އަންގާފައިވާ ކަމަށާއި ނަމަވެސް ޕާޓީތަކުން ލިބޭ ތަރުހީބު އަދި ކުޑަ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ޕާޓީތަކަށް އަންގާފައި ވާނީ އެ ޕާޓީތަކުން ކުރިމަތިލައްވާ ކެންޑިޑޭޓުންނާ ބެހޭ މައުލޫމާތުތަކާއި ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ފޮޓޯތައް [ފޮނުވުމަށް އަންގާފައި]. ނަމަވެސް ބައެއް ޕާޓީތަކުން އަދި މިހާތަނަށްދޭ ސަޕޯޓް ކުޑަ،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުސްގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަ ސުވާލެއް ކުރެވޭނެ ކަމަށާއި އޭގެ އިތުރުން ތައާރަފުވުމަށާއި ނިންމުމަށް ވަގުތު އެރުވޭނެ ކަމަށެވެ. އަދި ބަހުސްގެ ދިގުމިން ބިނާވާނީ ބައިވެރިވާ ކެންޑިޑޭޓުންގެ ނިސްބަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދު ވަނީ އިންތިހާބާ ގުޅިގެން ޕާޓީތަކަށް ފިޔަފާރި އުސޫލުން ދޫކުރާ ގަޑިތަކުގެ ތަވާލު އެކުލަވާލުމަށް ވެސް ޕާޓީތަކުގެ މެދުގައި ގުރުއަތުލުން ނަގާފަ އެވެ. މަޖިލިސް އިންތިހާބާ ގުޅުވައިގެން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ބެލެވިފައިވާ ހަ ޕާޓީއަކަށް 12 މިނެޓްގެ ވަގުތުކޮޅެއް ވިއްކުމަށް ވަނީ ނިންމާފަ އެވެ. ހަމަ އެހެންމެ ކޮންމެ ކެންޑިޑޭޓަކަށް ވެސް 30 ސިކުންތުގެ އިޝްތިހާރު ވަގުތުކޮޅެއް ވެސް ވިއްކުމަށް ހަމަޖައްސާފައިވެ އެވެ.