13 Feb 2014, 16:27
އިންޑިއާ ޕާލަމެންޓްގެ ތިރިގެ ލޮކްޝަބާގެ މެމްބަރަކު އެތަނުގައި ތިއްބެވި އެހެން މެމްބަރުންގެ ތެރެއަށް ޕެޕަސްޕްރޭ ޖަހައިފި އެވެ.
ލޮކްޝަބާގައި މިއަދު ހެނދުނު އޮތް ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޗެމްބަރުގެ ތެރެއަށް ޕެޕަސްޕްރޭ ކެނިސްޓާއެއް އެއްލީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ ކަމަށްވާ ކޮންގްރެސް އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް ކަމަށްވާ އެލް ރާޖަގޯޕާލް އެވެ.
އިންޑިއާގެ ދަހިންދޫ ނޫހުން ބުނީ ރާޖަ ގޯޕާލް އެއަމަލު ހިންގަވާފައި ވަނީ ޖަލްސާތަކުން ސަސްޕެންޑްކޮށްފައި ވަނިކޮށް ކަމަށެވެ. ދެކުނު އިންޑިއާގައި އަލަށް އުފެއްދި ޓެލަންގާނާ ސްޓޭޓްގެ މައްސަލައިގައި އުފެދުނު ހަމަނުޖެހުމުގައި، ޕާލަމެންޓްގެ ގަވައިދާ ހިލާފުވެގެން، ޖުމްލަ 18 މެމްބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އެނޫސް ބުންޏެވެ.
ލޮކްޝަބާގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުން ވަނީ މައިކްތައް ހަލާކުކޮށްފައި ކަމަށް ވެސް އެނޫސް ބުންޏެވެ.
އިންޑިއާގެ ޕާލަމެންޓްގެ ގަވައިދުގައިވާ ގޮތުން ޕާލަމެންޓްގެ ދައުރުގައި ބާކީ އޮތް މުއްދަތަށް ވުރެ ދިގު ނޫން މުއްދަތަކަށް މެމްބަރުން ސަސްޕެންޑް ކުރެވެ އެވެ.