މިދިޔަ ޖެނުއަރީ މަހުގެ ފައިދާ 46 މިލިޔަން ރުފިޔާ ފައިދާ ވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ޖެނުއަރީ މަހު އެކުންފުންޏަށް ފައިދާ ވެފައި ވަނީ ރެކޯޑް މިންވަރަކަށް ކަމަށެވެ.

"...އެސްޓީއޯގެ ފައިނޭޝަލްސް (މާލިއްޔަތު) މިވަނީ ރެކޯޑް މިންވަރަކަށް ކުރިއަށް ގޮސްފައި. އަޅުގަނޑުމެންގެ ޖެނުއަރީގެ ޕްރޮފިޓް (ފައިދާ) މިވަނީ 46 މިލިޔަން ރުފިޔާއަށް އަރާފައި،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިދާ އެވަރަށް އިތުރުކޮށްފައި ވަނީ ރައްޔިތުންނަށް ވިއްކާ މުދާ އަގުބޮޑުނުކޮށް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތްކޮށްފައި ވަނީ މެނޭޖްމެންޓް ޓީމްގެ ގާބިލުކަން އިތުރުކޮށްގެން ކަމަށެވެ.

"... އަޅުގަނޑުމެން (ފައިދާ) 46 މިލިޔަން ރުފިޔާ އަށް އަރުވާފައި މިވަނީ އެންމެ ސެންޓެއް ވެސް ރައްޔިތުންނަށް ވިއްކާ މުދަލުގެ އަގުބޮޑު ނުކޮށް. އެންމެ ސެންޓެއް ވެސް. އަޅުގަނޑުމެން މަސައްކަތްކޮށްފައި ވަނީ އަޅުގަނޑުމެންގެ މެނޭޖްމެންޓް ޓީމްގެ އެފިޝަންސީ އިތުރުކޮށްގެން،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރިއަށް ރާވާފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އަންނަ ރޯދަމަހު ހާއްސަ އަގުތަކެއްގައި ބައެއް ބާވަތްތައް ފޯރުކޮށްދިނުމަށް ޓަކައި ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ފިޔަލާއި އަލުތްވާއި ބިސް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިތުރު ރަށްރަށުގައި ބޭސްފިހާރަތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރަމުން އަންނަ ތެލުގެ ވިޔަފާރި ރަނގަޅު ކުރުމުގެ ގޮތުން މިހާރަށް ވުރެ ބޮޑެތި ބޯޓްފަހަރު، ތެޔޮރައްކާކުރާ ރަށް ފުނަދޫގެ ބަނދަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން 15000 ޓަނުގެ ބޯޓްފަހަރަށް ގާތްކުރެވޭ ވަރަށް ފުނަދޫގެ ބަނދަރު ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.