13 Feb 2014, 15:07
ދައުލަތުން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތުކޮށް ހަތަރު ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް އުފުލި އެވެ.
މަކަރާއީ ހީލަތް ހެދިކަމަށް ބުނެ ނާއިމްގެ މައްޗަށް ކުރި ފުރަތަމަ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަން ބޭނުންކޮށްގެން އެތަންތަނުގެ ނަމުގައި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށެވެ.
ދިދަތަކުގެ މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ ދެވަނަ ދައުވާއެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ. އެ ދައުވާ ކޮށްފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ގައުމީ ދިދަ ގަތުމަށް އިއުލާން ކުރުމުން ނަމީރާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން އެހެން ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ އެވެ.
އޭނާގެ މައްޗަށް ކުރި ތިންވަނަ ދައުވާގައި ބުނެފައި ވަނީ އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑު ސިސްޓަމްތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ނުކުރަނީސް، އިއުލާންކުރި ކަމަށް ދޭހަވާ ގޮތަށް ނާޒިމްގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ނަމުގައި، ނޭޒާ އެންޓަޕްރައިޒަސް ގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓު ކާމިޔާބުކޮށްފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ކުރި ހަތަރު ވަނަ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 220 ބަނދަރު ބައްތިތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ބައެއް ކުންފުނިތަކަށް ނޭގި އެކުންފުނިތަކުގެ ނަމުގައި ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން ބިޑު ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކަށް ތާއީދުކޮށް ވަކިވަކިން ހައިކޯޓިން މިއަދު ކުރި ހުކުމްތަކުގައި ބުނެފައި ވަނީ ދައުވާގައި ނާޒިމްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީން ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެމީހުންނަކީ ބިޑު ޑޮކިއުމެންޓު ތައްޔާރު ކުރި ފަރާތްތައްކަން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމްތަކުގައި ބުނެފައި ވަނީ އެ ހެކީންނަކީ ކުށުގެ އަސްލު އުފަންކުރި ފަރާތްތައް ކަމަށާއި އެމީހުން ތައްޔާރުކުރި ބިޑު ޑޮކިއުމެންޓުތަކުގައި ސޮއިކުރަން ނާޒިމް ހުއްދަދިންކަން އެ މައްސަލައިގައި ހިމެނޭ ލިޔުންތަކުން އެނގެން ނެތް ކަމަށެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް ދައުވާތައް އުފުލާފައި ވަނީ ބިޑު ޑޮކިއުމެންޓުތަކުގައި ސޮއިކުރީ ނާޒިމް އެންގެވުމުން ކަމަށް ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ތަހުގީގަށް އެ ބަޔާންދިން ފަރާތްތަކަކީ ދައުވާގައި ބުނެފައިވާ ކުށް އަމަލީގޮތުން ކުރި މީހުން ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ. އެހެންކަމުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ބަޔަކީ ހެކީންގެ ގޮތުގައި ހުށަހެޅި ފަރާތްތައް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ މައްސަލަތަކުގައި ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ގާނޫނީ ވަކީލު އާދަމް އާސިފް އާއި އާމިނަތު ޝިޒުލީނާ އެވެ.