އޭއެފްސީ ޗެލެންޖު ކަޕް ވެގެންދާނީ ރާއްޖޭގައި އަހަރުތަކެއް ވަންދެއް އުފެދިފައިވާ ސިޔާސީ ބައިބައިވުންތަކަށް ފަހު، ގައުމުގެ އެއްބައިވަންތަކަން އަލުން ދިރުވައި އަލާކުރާނެ ކަމެއް ކަމުގައި ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕް ފުޓް ބޯޅަ މުބާރާތަށް ރާއްޖޭންވާން ޖެހޭ ތައްޔާރީތައް ބެލުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުގެ ބޭފުޅުންނާ މިއަދު ހެނދުނު ވެލާނާގޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގައި މަލީހު ވަނީ މި މުބާރާތަށް ރާއްޖޭން ވަމުން ގެންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު އޭއެފްސީގެ ހަ މެމްބަރުންގެ ވަފްދާއި ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ގަލޮޅު ނޭޝަނަލް ސްޓޭޑިއަމް އާއި އައްޑޫ ޒޯން ސްޓޭޑިއަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ސްޓޭޑިއަމްތައް އަޕްގްރޭޑިންގްގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަށްވުރެ ވެސް އަވަހަށް ނިންމާލެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި އޭއެފްސީ ވަފުދުގައި އިސްކޮށް ހުންނެވި ޑިރެކްޓަރު އޮފް ނޭޝަނަލް ކޮމްޕެޓިޝަންސް މިސްޓަރު ޝިން މަންގިލް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސްޓޭޑިއަމްތަކުގެ އަޕްގްރޭޑިންގް މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ އޭއެފްސީން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކަނޑައަޅައިފައިވާ ތާރީހުގެ ކުރިން އެ މަސައްކަތް ނިންމާލެވި މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭއެފްސީ އަށް ލިބިގެންވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ގައްސާން ދެއްކެވި ވާހަކަފުޅުގައި އޭއެފްސީ ޗެލެންޖް ކަމް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެފްއޭއެމަށް ލިބޭނެ ކަމަށެވެ. އަދި މި މުބާރާތް އިންތިޒާމްތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް ޓަކައި ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.