17 Dec 2010, 06:36
މާލިއްޔަތު ޤާނޫނު ފުރަތަމަ އިސްލާހު ވެގެންދިޔައީ ސަރުކާރުގެ ސިޔާސަތުތަކަށް ލިބެމުން އައި ކާމިޔާބީތަކަށް ހުރަހެއް ގެނައުމުގެ "ހަތިޔާރަކަށް" ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިއޯ ތަގުރީރުގައި މިހެން ވިދާޅުވީ، މާލިއްޔަތުގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އަމަލުކުރަށް ފެށުމުން، އިޖްތިމާޢީ ރައްކާތެރިކަން ދޭންޖެހިފައިވާ ބަޔަކަށް ދައުލަތުގެ ފަރާތުން ކުރީއްސުރެ ދެމުންއައި އިނާޔަތްތަކާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމުގައި ފާހަގަކުރައްވައި، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ސަބްސިޑީފަދަ ޙިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވިދާނެ ކަމުގައި އެ ކޯޓުން އިއްޔެ ނިންމަވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، މާލިއްޔަތު ގާނޫނަށް ހުށަހެޅުނު ފުރަތަމަ އިސްލާހުގެ ސަބަބުން ސަރުކާރުން ދެމުން ގެންދިޔަ ކިތަންމެ ޚިދްމަތެއް ނުދެވޭ ގޮތްވެ، އަދި ސަރުކާރުން ހިންގަމުން ގެންދިޔަ އެތައް އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމެއް ނުހިންގޭ ގޮތް މެދުވެރިވީސް ކަމަށެވެ.
"މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިސްލާހު ވެގެންދިޔައީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މި އައި މިންވަރާއި އަދި ހަލުވިކަމާއި އަދި ކާމިޔާބު ލިބެމުން އައި އައުމަށް ހުރަހެއް ގެނައުމުގެ ހަތިޔާރެއްގެ ގޮތުގައި. މާލިއްޔަތު ޤާނޫނަށް ހުށަހެޅުނު ފުރަތަމަ އިސްލާހުގެ ސަބަބުން ސަރުކާރުން ދެމުން ގެންދިޔަ ކިތަންމެ ކިތަންމެ ޚިދްމަތެއް ނުދެވޭގޮތްވެ އަދި ސަރުކާރުން ހިންގަމުން ގެންދިޔަ އެތައް ޕްރޮގްރާމެއް ނުހިންގޭގޮތް މެދުވެރިވީސް. އެންމެބޮޑު އެއް ސަބަބަކީ، ޤާނޫނު ބަޔާންކޮށްފައިވާ އަދި ޤާނޫނު ބުނާ، އިޝާރާތްކުރާ ކިތަންމެ ޤާނޫނެއް ނެތިސް، އެ ޤާނޫނަށް ޢަމަލުކުރުމަށް ފާސްވެފައި އަދި ނިމިފައިވާކަމުން." ރައީސް ވިދާޅުވި އެވެ.
އަދި އެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވުމުން، ސަރުކާރުން ހުށަހެޅި މައްސަލަތަކާއި ނުކުތާތަކުގެ މައްޗަށް އެއްގޮތަކަށްވެސް ރިއާޔަތް ކުރުމެއްނެތި، އަނެއްކާވެސް ހަމަ ބިލު އޮތްގޮތަށް މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތުން ފާސްކުރީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"..އިޖްތިމާއީ ރައްކާތެރިކަމާއި އަދި އިގްތިސާދީ ދުވެއްޔާއި، އެ ދެބައިންވެސް ސަރުކާރަށް ކުރި ލިބޭން ފެށުމުން، ބައެއް ސިޔާސީ ވާދަވެރިން، ބައެއް ފަރާތްތަކުން ދެކެވަޑައިގަތީ، އެއީ ރާއްޖެއަށާއި، ރައްޔިތުންނަށާއި ގައުމަށް ލިބޭ ހެވެއް، ލާބައެއްގެ ގޮތުގައެއް ނޫން ބޮޑަށް. ބައެއް ބޭފުޅުން ބޮޑަށް ދެކެވަޑައިގަތީ، މިފަދަ ކާމިޔާބު ސިޔާސަތުތައް ހިނގާން ފަށައިފިނަމަ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ލޯބި ސަރުކާރުގެ މައްޗަށް ލިބެމުން އަންނަ މިންވަރު، ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އަދި މާލިއްޔަތު ޤާނޫނުގެ އިސްލާހު ތަސްދީގު ނުކުރައްވައި އެމަނިކުފާނު ހުންނަވަނިކޮށް، އެ ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ކިޔަމަންވުމަކީ، ތަބާވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވާތީ، އެ ޤާނޫނު ތަސްދީގު ކުރެއްވީ ކަމުގައި ރައީސް ވިދާޅުވި އެވެ. ނަމަވެސް، އެ އިއްވެވި ހުކުމުގެ އަލީގައި ސަރުކާރަށް އަމަލު ކުރެވެން ހުރީ ކޮންކޮން މަގަކުންތޯ ދެނެގަތުމަށް މަސައްކަތް ފެއްޓެވީ ކަމަށް ރައީސް ވިދާޅުވި އެވެ.
" އަޅުގަނޑު މާލިއްޔަތު ޤާނޫނު ތަޞްދީޤުކުރީ. އެހެން ނަމަވެސް، ބަންޑާރަ ނައިބު މައްސަލަ ސުޕްރީމް ކޯޓަށް އަނެއްކާ ހުށަހެޅުއްވީ، އެ ޤާނޫނަށް އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިނަމަ، ހަމަ ދިމާވެދާނެ ދަތިތަކުގެ މައްސަލަ. އަދި ވާހަކަތައް، ނުކުތާތައް ފާހަގަކުރައްވާ. މިއަދު މިވަނީ ސުޕްރީމް ކޯޓުން، އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް މިކަމުގައި ފާހަގަކުރި ކަންކަން ފާހަގަކުރައްވައި، ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން، މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިސްލާހަށް އަމަލުކުރުން މަޑުކުރެވޭގޮތަށް ޙުކުމް އިއްވަވައިދެއްވާފައި." ރައީސް ވިދާޅުވި އެވެ.
އަދި ސުޕްރީމް ކޯޓުގެ އެ ހުކުމާއެކު، އިޖްތިމާއީ ރައްކާތެރިކަން ހިފެހެއްޓުމަށާއި އަދި ސަރުކާރުގެ އެންމެހާ ހިންގުމަށް ގެންގުޅުނު ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދިޔަ ޕްރޮގްރާމްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.