13 Feb 2014, 14:21
ފުލުހުންނާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ދެމެދު ކުރެވޭ މުއާމަލާތްތައް ވަރަށް ގިނަ އެވެ. ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގުކޮށް ނިންމުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވާ އިރު ބައެއް ފަހަރު ކުދިކުދި މައްސަލަތައް ހުރެ އެވެ. ދެން އެކަން އިސްލާހު ކުރަން ނުވަތަ މައުލޫމާތު އިތުރަށް ހޯދުމަށް ޕީޖީ އޮފީހުން އެ މައްސަލައެއް ފޮނުވާލާނީ އެވެ. އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލައެއް އަންނާނީ އެތައް ސިޓީއެއް ދެ ފަރާތުގެ ދެމެދުގައި ބަދަލުވުމަށް ފަހު އެވެ.
އެކަމަކު މިހާރު ތަފާތެވެ. ޕީޖީ އޮފީހާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަން ފެށުމުން މައްސަލަ އަނބުރާ ފޮނުވާލުމަކީ އޮންނަ ކަމެއް ނޫނެވެ. ފުލުހުން ތަހުގީގު މަރުހަލާގައި މަސައްކަތް ކުރާނީ ޕީޖީ އޮފީހުގެ ވަކީލުންނާ އެކު އެވެ. ސިޓީބިޓީ ބަދަލު ކުރުމެއް ނޯންނާނެ އެވެ. ޕީޖީ އޮފީހާއި ފުލުހުންނާ ގުޅުވައިދޭ ހާއްސަ ސޮފްޓުވެއާގައި ލިޔެލީމަ އެކަން ނިމުނީ އެވެ.
"އާންމު ގޮތެއްގައި މައްސަލައަކާ މެދު ގޮތެއް ނިންމުމަށް މި ނަގާ 21 ދުވަހުގެ މުއްދަތު މިހާރު މި ވަނީ ގާތްގަނޑަކަށް ތިން ދުވަސް ނުވަތަ ހަތަރު ދުވަހަށް ކުޑަކޮށްލެވިފަ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި އެވެ. "މާނައަކީ މި ނިޒާމުގެ ތެރެއިން ފުލުހުން ގެންނަ މައްސަލަތައް އަޅުގަނޑުމެންނަށް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ކޯޓަށް ފޮނުވަން ތައްޔާރު ކުރެވެއޭ."
މައްސަލަތައް ކޯޓަށް އަވަސް ގޮތަކަށް ފޮނުވޭނެ އިންތިޒާމް ހަމަޖެހުމުން ކޯޓުން މައްސަލަ ނިމިދާނެ ގޮތަށް ވެސް ހެޔޮ އަސަރެއް ކޮށްފާނެ އެވެ. ގިނަ ދުވަސްތަކެއް ފަހުން މަރުގެ ބައެއް ބޮޑެތި މައްސަލަތައް ކޯޓަށް ފޮނުވުމުން ހެކިންނަށް އެކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ގިނަ ދުވަސްތަކެއް ފަހުން ހާދިސާ ހިނގައިދިޔަ ގޮތަށް ކިޔައިދިނުމަކީ އެމީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު ދެން އެހެންވުމަކީ ނާދިރު ކަމެކެވެ.
"މި ނިޒާމުގެ ތެރެއިން (ހާދިސާ ހިނގާތާ) ތިން މަސް ދުވަސް ތެރޭ މައްސަލަ ކޯޓަށް ފޮނުވޭ. އެހެންވީމަ މީހުން ހަނދާން ހުރުމުގެ ކަންތަކާ ހެކިބަސް ދޭން މީހުން އައުމުގެ ކަންތައް ވެސް ތަންކޮޅެއް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށް. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ވަކީލުންނަށް މާ ރަނގަޅަށް ތައްޔާރުވެވޭނެ މި ނިޒާމުގެ ދަށުން،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުންނާއި ޕީޖީ އޮފީހާ މިހާ ބޮޑަށް ގުޅިގެން މަސައްކަތް ކުރަން ފެށުމުން ދެ ފަރާތަށް ވެސް ބޮޑެތި ފައިދާތަކެއްވެ އެވެ. މައްސަލަތައް އަވަހަށް ނިމުމުގެ އިތުރުން ވަކީލުންނާއި ފުލުހުން ވެސް މައްސަލަތަކަށް ފަރިތަވާނެ އެވެ.
"ޕްރޮސެކިއުޓަރުން ކުރާ ހުރިހާ ސުވާލަކަށް ފުލުހުން ޖަވާބުދާރީވާންޖެހޭ. އަދި ޕްރޮސެކިއުޓަރުން އެބަޖެހޭ ފުލުހުން ކުރާ ހުރިހާ ސުވާލަކަށް ޖަވާބުދާރީވާން މަޝްވަރާތަކުގެ ތެރޭގައި. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ހުރިހާ ބޭފުޅުން ވެސް މާ ފަރިތަވާނޭ މައްސަލަތަކަށް. އަދި މާ އަވަހަށް މައްސަލަ ކުރިއަށް އެބަ ގެންދެވޭ،" ޝަމީމް ވިދާޅުވި އެވެ.
މި ނިޒާމާ އެކު އަދި ޖިނާއީ މައްސަލަތަކަށް ވަރަށް ފައިދާ ހުރި އެހެން ކަމެއް ވެސް ޕީޖީ އޮފީހުން ކުރަން ގަސްދު ކުރެ އެވެ. އެއިރުން މައްސަލަތައް ސާބިތު ކުރުމަށް އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.
"އަޅުގަނޑުމެން މި ތައާރަފް ކުރަނީ ހެކިބަސް ދޭ މީހުންނާ ވެސް އަޅުގަނޑުމެން ބައްދަލު ކުރަން. އަދި އަނިޔާ ލިބުން މީހުންނާ ވެސް އަޅުގަނޑުމެން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ބައްދަލު ކުރަން." ޝަމީމް ވިދާޅުވި އެވެ.