13 Feb 2014, 14:11
ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި ރޭ ރެއާލް ސޮސައިޑާޑް އާއި ބާސެލޯނާ ކުޅުނު މެޗް 1-1 އިން އެއްވަރުވެ ދެ ލެގުގެ އެގްރިގޭޓުން ބާސާއަށް 3-1 ކުރި ލިބިގެން ބާސާ މުބާރާތުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި ބައްދަލުކުރަން ޖެހިއްޖެ އެވެ.
ކޮޕާ ޑެލް ރޭގެ ފައިނަލުން ބާސާ އަށް ޖާގަ ލިބިފައި ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް ސޮސައިޑާޑް 2-0 އިން ބަލިކޮށްފައިވުމުން ދެ ލެގުގެ އެގްރިގޭޓުން ބާސާއަށް 3-1 ކުރި ލިބިގެން ނެވެ.
ރެއާލް ސޮސައިޑާޑްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗްގައި ފުރަތަމަ ލީޑް ނަގާފައިވަނީ މެޗްގެ 27 މިނެޓުގައި ބާސާއިން ނެވެ. ބާސާ އިން މެޗްގައި ހަމައެކަނި ޖެހި ލަނޑު ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ އެވެ. ނަމަވެސް މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ރެއާލް ސޮސައިޑާޑްގެ ޒުވާން މިޑްފިލްޑަރު އެންޓޮއިނެ ގްރިއެޒްމަން ވަނީ ލަނޑެއް ކާމިޔާބުދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ކޮޕާ ޑެލް ރޭގެ ފައިނަލުން ރޭ ބާސާ ޖާގަ ހޯދިއިރު ރެއާލް މެޑްރިޑު މުބާރާތުގެ ފައިނަލަށް ގޮސްފައި ވަނީ ސެމީ ފައިނަލްގެ ދެ ލެގުން ވެސް އެޓްލެޓިކޯ މެޑްރިޑް ބަލިކޮށް، ދެ ލެގްގެ އެގްރިގޭޓުން ރެއާލް އަށް 0-5 ކުރި ލިބިގެންނެވެ.
ކޮޕާ ޑެލްރޭގެ ފައިނަލުން ރެއާލް މެޑްރިޑާއި ބާސާ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ބައްދަލުކުރާއިރު އެ ދެ ކްލަބުން ވަނީ އެމުބާރާތުގެ ފައިނަލުގައި މިހާތަނަށް ހަ ފަހަރު ބައްދަލުކޮށް ކޮންމެ ޓީމަކަށް ވެސް ތިން ފަހަރު އެ މުބާރާތް ކާމިޔާބު ކުރެވިފަ އެވެ.
ނަމަވެސް ކޮޕާ ޑެލް ރޭގެ އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ކްލަބަކީ ބާސާ އެވެ. އެ ކްލަބުން އެ މުބާރާތް 26 ފަހަރު ކާމިޔާބު ކޮށްފައިވާ އިރު އެ މުބާރާތް 18 ފަހަރު ކާމިޔާބު ކޮށްގެން ރެއާލް މެޑްރިޑް އޮތީ މުބާރާތް ކާމިޔާބު ކުރި ކްލަބްތަކުގެ ލިސްޓުގެ ތިން ވަނައިގަ އެވެ. ދެވަނައިގައި 23 މުބާރާތް ކާމިޔާބު އޮތީ އެޓްލެޓިކް ބިލްބާއޯ އެވެ.