ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ގޮންޖަހައި އެ ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވާހަކަފުޅު ދައްކާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައިގައި މިއަދު ބާއްވަން އުޅުނު ޝަރީއަތް އިލެކްޝަންސް ކޮމިޝަނުގެ އެދުމަށް ފަސްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އިސްނަގައިގެން ބަލަމުންދާ މައްސަލައިގެ ޝަރީއަތް މިއަދު 2:00ގައި ބާއްވަން ތާވަލު ކުރުމަށް ފަހު ފަސްކުރީ އިލެކްޝަންސް ކޮމިޝަނުން އެދިގެން ކަން ސުޕްރީމް ކޯޓުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ޝަރީއަތް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދުނީ ކީއްވެ ކަމެއް ސުޕްރީމް ކޯޓުން ނުބުނެ އެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމާލީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އެހެން ކަމުން މިއަދު ޝަރީއަތުގައި ހަމަޖެހިފައި އޮތީ އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދާރީވުމެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިވުސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅޭ ގޮތުން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އެ އަމަލުތަކަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގަބޫލުކުރެވޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.