13 Feb 2014, 13:47
ސަރުކާރުގެ ބަޖެޓުން ދެ ރަށެއްގެ ނަރުދަމާ މަސައްކަތް ކުރުމަށާއި ވޯލްޑް ބޭންކުގެ އެހީގައި ތިން ރަށެއްގައި ކުނިކޮށި ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެންވައިރޮމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެމްޑަބްލިއުއެސްސީ އާ، ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ފަހު އެންވައިރަމެންޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ ދ. މާއެނބޫދޫ އާއި ތ. ދިޔަމިގިލީގައި ނަރުދަމާގެ މަސައްކަތަކަކީ ސަރުކާރުގެ ބަޖެޓުން 5.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑުމެން އެމްޑަބްލިއުއެސްސީ އާ މި ހަވާލުކުރީ މަސައްކަތް ފަށާތާ 13 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް،" މަތީން ވިދާޅުވި އެވެ.
މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދެވޭނެތޯ "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު އުމަރު ވިދާޅުވީ "ތަކެތި ލިބުމުގެ މައްސަލައަކީ ދިމާވާ މައްސަލައެއް، އެކަމަކު މިހާރަކު އެކަން ދިމައެއް ނުވޭ، މުއްދަތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.
ކުނިކޮށި ހެދުމަށް މިއަދު ހަވާލުކުރި ތިން ރަށަކީ ޅ. ނައިފަރާއި ނ. މަނަދޫގެ އިތުރުން ބ. އޭދަފުއްޓެވެ. އެއީ ވޯލްޑް ބޭންކްގެ އެހީގައި 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެކެވެ.
އެ ޕްރޮޖެކްޓްތައް ހަވާލުކުރުމަށް ފަހު ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވީ ނ، ރ، ބ، ޅ އަތޮޅަށް އަމާޒުކޮށްގެން ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެ ހަތަރު އަތޮޅުގެ މީހުން ދިރިއުލޭ 45 ރަށުގެ 7350 ގޭބިސީ ހުރި އިރު 63 ހާހެއްގެ އާބާދީއެއް އެބައުޅޭ، އަޅުގަނޑުމެންގެ މަގުސަދަނީ ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖްކުރުން،" ތޯރިގް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް އިތުރު ރަށްރަށުގައި ކުނި ކޮށި ހެދުމުގެ މަސައްކަތްތައް ހަވާލުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން 45 ރަށަކަށް ބޭނުންވާ ކުނި މެނޭޖްކުރާ މެޝިނަރީޒް ގަތުމަށް 6.5 މިލިއަން ރުފިޔާގެ ކޮންޓުރެކްޓެއް ހަވާލުކޮށްފައިވާ ކަމަށެވެ.