ޕްރޮސެކިއުޓާ ޖެނެރަލަކު ނެތުމުން ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަތުން ހުއްޓާލުމުން މިހާތަނަށް 533 މައްސަލަ ކޯޓަށް ނުފޮނުވި އެބަހުރި ކަމަށާއި އޭގެ ސަބަބުން ބަންދުގައި ތިބި މީހުންގެ ހައްގު ގެއްލިގެންދާ ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީއަކު ނެތުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ބުނެ މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ކްރިމިނަލް ކޯޓުން ވަނީ މައްސަލަތައް ބަލައިގަތުން ހުއްޓާލައިފަ އެވެ.

މައްސަލަތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް އެ ކޯޓުން ވަނީ މައްސަލަތައް ބަލައިގަތުމަށް ދެކޮޅު ހަދައިފަ އެވެ.

ފުލުހުންނާ ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަންނާތީ އެކިއެކި ގޮތް ގޮތުން ބަންދުގައި ތިބި މީހުންގެ ހައްގުތައް ވެސް ގެއްލިގެންދާ ކަމަށެވެ.

"ފުރަތަމަ މިކަން ދިމާވި ދުވަހުން ފެށިގެން ވެސް އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ އެގޮތަށް ހައްޔަރުގައި މީހުން ބައިތިއްބަން ފެށުން. އަޅުގަނޑަށް ވަރަށް އުނދަގޫވެފައި އޮތް ކަމެއް މިއީ އެގޮތަށް މީހުން ހައްޔަރުގައި ބަހެއްޓުން. އެމީހުންގެ އާއިލާތަކުން އަޅުގަނޑާ ބައްދަލު ކުރީމަ އަޅުގަނޑު އެމީހުންނަށް ދައްކާނެ މޫނެއް ނޯވޭ،" ޝަމީމް ވިދާޅުވި އެވެ. (ބަންދުގައި ތިބި މީހުންގެ) ހައްގުތައް ގެއްލޭތީ އަޅުގަނޑު ކަންބޮޑުވާ ވާހަކަ މި ދަންނަވަނީ."

ޝަމީމް ވިދާޅުވީ ބައްސަލަތައް ބަލައިގަނޭތޯ ވަރަށް މަސައްކަތް ކުރައްވައިފިން ކަމަށާއި "އެބޭފުޅުންގެ އަތުގައި ހިފާފަ މައްސަލަ ބަލައެއް ނުގަނެވޭނެ" ކަމަށެވެ.

"އަޅުގަނޑަކަށް އެބޭފުޅުންގެ އަތުގައި ހިފާފައި މައްސަލަ ބަލައެއް ނުގަނެވޭނެ. ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މައްސަލަ ބަލައިނުގަންނާތީ އެކަމާ ބެހޭ ގޮތުން ވެސް އަޅުގަނޑު ވާނީ ސިޓީއަކުން ދަންނަވާފައި. އަޅުގަނޑަށް ކުރެވޭނީ މަސައްކަތް،" ޝަމީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އަނބިކަނބަލުންނާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅަށް ހަމަލާދިން މައްސަލަ ވެސް މިއަދު ކޯޓަށް ފޮނުވިން ކަމަށާއި ނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގެންފައިނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ ދެން ވަރަށް ސީރިއަސް މައްސަލައެއް އާއިލާ ތެރޭގައި ހިނގާފައި އޮތެއް ކަމަކު. އެ މައްސަލަ ވެސް ކޯޓަށް ހުށަހެޅުމަށްޓަކައި ކޯޓަށް ފޮނުވިން. އެ މައްސަލަ ވެސް ބަލައެއް ނުގަތް،" އޭނާ ވިދާޅުވި އެވެ.