13 Feb 2014, 13:37
"ދިވެހި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" އަށް އަމަލު ކުރުމުގައި ދިވެހި ހައްޖު ކޯޕަރޭޝަން އިސްތިސްނާކޮށް އެ އުސޫލް ގެޒެޓްކޮށްފި އެވެ.
ސަރާރުގެ ގެޒެޓްގައި އިއްޔެ އަދުގައިވާ "ދިވެހި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު"ގައި ބުނެފައިވާ ގޮތުގައި އެ އުސޫލުގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އަދި 23 ވަނަ މާއްދާ އަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝުން އަމަލް ކުރާކަށް ނުޖެހެ އެވެ.
ހަތާވީސް މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ "ދިވެހި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު"ގެ ހަތަރު ވަނަ މާއްދާގައި ވަނީ ދިވެހި ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އެދެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކަށެވެ. އަދި އެކަމަށް އެދި ހުއްދަ ދެވޭނީ މަދުވެގެން އެއް އަހަރު އަދި ގިނަ ވެގެން ތިން އަހަރެވެ.
އެ އުސޫލުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގައި ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯޝަލް ހުށަހަޅާ ކުންފުނީގެ ޑައިރެކްޓަރުންނަކީ ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ ނުވަތަ ކޮށްފައިވާ މީހެއް ކަމުގައި ވެގެންނުވާނެ އެވެ. އެ އުސޫލުގެ ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖަށް މީހުން ގެންދިއުމުގައި ޕްރޮޕޯޝަލް ހުށަހަޅާކަށް ނުޖެހެ އެވެ.
އެ އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހައްޖު ކުންފުނިތަކުން ހައްޖަށް ދިއުމަށް އެދޭ މީހުންގެ އަތުން ފައިސާ ނަގަންވާނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ލިބިގެންނެވެ. ނަމަވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އެ މާއްދާއަށް އަމަލް ކުރާކަށް ނުޖެހެ އެވެ. އެކުންފުނިން ބޭނުންވެއްޖެ ކޮންމެ އިރެއްގައި ވެސް ހައްޖަށް ދާ މީހުންގެ އަތުން ފައިސާ ނެގެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ހައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާ އެކު ބަލަހައްޓައި، އެ ފައިސާ އިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ.
މި އުސޫލުގައި ކަނޑައަޅާފައިވާ ގިނަ މާއްދާތަކަކީ ކުރިން ވެސް އަމަލް ކުރަމުން އަންނަ ކަންކަމެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ ހައްޖަށް ގެންދިއުމަށް އެދޭ ކުންފުންޏަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާއި އަދި ހައްޖަށް ގެންދިއުމަށް ކޯޓާ ދީފައިވާ ކުންފުންޏަކުން އެއްވެސް ސަބަބަކާ ހުރެ ކޯޓާ ދޫކޮށްލައިފި ނަމަ ވިދިވިދިގެން އަންނަ ދެ އަހަރު އެ ކުންފުންޏަށް ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ނުލިބޭނެ އެވެ. އަދި ކޯޓާ ދޫކޮށްލުމުން ދިމާވާ ހުރިހާ މައްސަލަތަކެއްގެ ޒިންމާ އެކުންފުންޏަކުން އުފުލަންޖެހެ އެވެ.
މީގެ އިތުރިން މި އުސޫލުގައިވާ ގޮތުން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ހައްޖަށް މީހުން ގެންދިއުމަށް ޓަކައި ނަގާ ފައިސާ ޖަމާކުރާނެ ވަކި އެކައުންޓެއް ހުޅުވުމާއި އެ އެކައުންޓަށް ހައްޖަށްދާ މީހުންގެ އަތުން ނަގާ ފައިސާ ނޫން ފައިސާ ޖަމާނުކުރެވޭނެ އެވެ. އެ އެކައުންޓްގައިވާ ފައިސާ ހައްޖާ ގުޅުން ހުރި ކަމަކަށް ނޫނީ ބޭނުން ނުކުރުމަށާއި ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބޭ ތާރީހުން ފެށިގެން އެ އެކައުންޓްގެ ބޭންކް ސްޓޭޓްމަންޓް ކޮންމެ ތިން މަހުން އެއް ފަހަރު މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.