13 Feb 2014, 13:23
ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމްގެ ސުންނަތުގައި ނެތް ގޮތެއް ހޯދައިގެން މޮޅެއް ނުލިބޭނެ ކަމަށް ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ޑރ. ޖަމީލު މިހެން ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އަހަރު ހިންގި ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"... ކީރިތި ޤުރުއާނާ ސުންނަތުގައި ނެތް ގޮތެއް ހޯދައިގެންނެއް އަޅުގަނޑުމެންނަކަށް މޮޅެއް ނުލިބޭނެ. ކަމެއްގެ ހައްލު ހޯދުމަށް ނުވަތަ ކުރިއެރުމަށް، ނުވަތަ ބައެއްގެ ކުރިމަތީގައި ޖާހަތާއި ކަރާމާތް ބޮޑުކުރުމަށް ޓަކައި ކީރިތި ގުރުއާނުގައި ނެތް، ނުވަތަ ކީރިތި ޤުރުއާނާ ސުންނަތުން ނޫން ގޮތަކަށް އިތުރު ގޮތްތަކެއް ހޯދަން މަސައްކަތްކަތް ކުރުމަކީ ޝައްކެތް ނެތް ގޮތުގައި އިސްލާމީ ދައުލަތެއްގައި، އިސްލާމީ ވެރިއަކަށް ކުރުން އެކަށީގެންވާ ކަމެއް ނޫން،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ކީރިތި ގުރުއާނުގެ އިރުޝާދުތަކަށް އަމަލުކޮށްފި ނަމަ މުޖުތަމައުގައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުވެ، އިޖުތިމާއީ ފޭރާން ވެސް އަލުން އިއާދަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"...ކީރިތި ޤުރުއާނުގައިވާ ގޮތުގެ މަތިން މުސްލިމުންގެ ހުރިހާ ކަންތައްތަކެއް ބައްޓަންކޮށްފި ކަމުގައިވާނަމަ އެއްވެސް ޝައްކެތް ނެތް ގޮތުގައި އަޅުގަނޑުމެން މިއަދު ހައްލުހޯދަން އުޅޭ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އެކި އެކި ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓާއި ހަނދާނީ ލިއުން ދިނެވެ. އަދި އެ މަރުކަޒުން ހިންގާ 500 ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުންނަށް ފައިސާގެ އިނާމު ދިނުން ވެސް އޮތެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު އައް ޝައިޚު ޢަބުދުލް ޢަޒީޒު ހުސައިންއާއި އިސްލާމިކް މިނިސްޓްރީއާއި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް އެހެން ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި މިހާރު ވެސް 3000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.