13 Feb 2014, 13:17
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ފޯމް އިލެކްޝަންސް ކޮމިޝަން އިން ރިޖެކްޓްކޮށް އެއް ބޭފުޅަކު ނަން އަނބުރާ ގެންދވައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނަރަލް އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުސަހެޅި 314 ބޭފުޅުންގެ ތެރެއިން ކޮމިޝަން ރިޖެކްޓްކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވި ތިން ބޭފުޅެއްގެ ފޯމް ކަމަށެވެ. އަދި ނަން އަނބުރާ ގެންދަވާފައި ވަނީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެއްކަމަށް ޝަކީލް ވިދާޅުވި އެވެ.
ނަމަވެސް ކޮމިޝަނުން ރިޖެކެޓް ކުރި ބޭފުޅުންގެ ނަމެއް އޭނާ ވިދާޅެއް ނުވި އެވެ.
"އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު ވާދަ ކުރާގޮތަށް ހަމަޖެހިފައި ވަނީ 310 ބޭފުޅުން. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅި ތިން ބޭފުޅެއްގެ ފޯމް ކޮމިޝަން އިން ވަނީ ރިޖެކްޓްކޮށްފައި. އަދި އަމިއްލަ ގޮތުން ވާދަކުރައްވުމަށް ފޯމް ހުށަހެޅުއްވި އެއް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފައި،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަވާފައި ވަނީ މަޑުއްވަރީ ދާއިރާ އަށް ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވި މުހައްމަދު ރަމީލް ކަމަށެވެ. އަދި ކޮމިޝަން އިން ރިޖެކްޓްކޮށްފައި ވަނީ މާފަންނު މެދު ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅަކާއި ށ. މިލަންދޫ އަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެއްގެ އިތުރުން ތ. ކިނބިދޫ އަށް ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެއް ކަމަށެވެ.
ޝަކީލް ވިދާޅުވީ އެ ތިން ބޭފުޅުންގެ ފޯމް ކޮމިޝަން އިން ރިޖެކްޓްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާފައިވާ މައުލޫމާތު ފޯމް ސެޓްގައި ފުރިހަމަ ނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ފަރާތްތަކަށް އަދި ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނީ ގުރުއަތުލުން ނިމެންދެން ކަމަށް ޝަކީލް ވިދާޅުވި އެވެ.
"އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަދިވެސް އެ ފުރުސަތު އެބައޮތް. އެހެންނަމަވެސް ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު އޮންނާނީ ގުރުއަތުލުން ނިމެންދެން. ގުރުއަތުލުން ނިމުމުން އެއްވެސް ބޭފުޅަކަށް ނަން އަނބުރާ ނުގެންދެވޭނެ،" ޝަކީލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ މުއްދަތު ހަމަވިއިރު 316 ބޭފުޅަކު ފޯމް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ އޮޅުމެއް ކަމަށާއި މުއްދަތު ހަމަވިއިރު ފޯމް ހުށަހެޅުއްވީ 314 ބޭފުޅަކު ކަމަށެވެ.
ޝަކީލް އިތުރަށް ވިދާޅުވީ އަންނަ މަހު 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުން މިއަދާއި އަންނަ ހޮނިހިރު ދުވަހު ކޮމިޝަންގައި ކުރިއަށް ދާނެ ކަމަށެވެ.