13 Feb 2014, 11:22
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަތަރު ކުދިން ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރުން ފަސްކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު 10:00 އަށް ކޯޓަށް ހާޒިރުވާން އެ ހަތަރު ކުދިންނަށް ޗިޓު ފޮނުވިނަމަވެސް އެ ހަތަރު ކުދިން ވެސް އަދި އެ ކުދިންގެ ގާނޫނީ ވަކީލުވެސް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ. އެހެންކަމުން ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދުގައިވާގޮތުގެ މަތިން އެ ހަތަރު ކުދިންކުރެ ކޮންމެ ކުއްޖަކު 75ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ހަތަރު ކުދިންނަށް ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމަށެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހަށް އެ މައްސަލަ ތާވަލް ކުރުމަށްފަހު ކޯޓަށް ހާޒިރުވުމަށް އެ ހަތަރު ކުދިންނަށް މިއަދު އަންގާނެ ކަމަށެވެ. އަދި އެ އަމުރާއެއްގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ގަވާއިދުގައި ބުނާ ދެވަނަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރަންވީގޮތުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކޯޓު އަމުރާއެއްގޮތަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ދެންޖެހޭނީ އެ މީހަކު ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރާށެވެ.
އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30 އާ ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެހަތަރު ކުދީން ގެއްލުންދީފައިވާ ކަމަށެވެ.
ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖަހައި އަންދާލާފައިވާ އިރު އެތަނުގައި ބޭނުންކުރަމުން ދިޔަ އެންމެހައި ވެހިކަލްތަކުގައި ވެސް ބަޔަކު ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
އެ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.