ނަވާރަ އަހަރު ކުރިން ފެށިގެން އަމީނިއްޔާ ސްކޫލްގައި ތައާރަފު ކުރި މުހައްމަދު އަމީން ދީދީ ސްކޮލާޝިޕް އެވޯޑް މި އަހަރު ލިބުނު ދަރިވަރަށް އެ ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.

މިއަދު އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. ދިއްދޫ ސަނދުބަރަކާގެ އައިމިނަތު ސަމާހާ އަށް އެ އެވޯޑް ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

މުހައްމަދު އަމީން ދީދީ ސްކޮލާޝިޕް އެވޯޑްއަކީ އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އަމީނިއްޔާ ސްކޫލަށް ވަންނަން އެދޭ ކުދިންގެ ތެރެއިން އެ ސްކޯލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ޓެސްޓެއް ނެގުމަށް ފަހު ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ދަރިވަރަކަށްދޭ ސްކޯލާޝިޕެކެވެ. އެ އެވޯޑް ތައާރަފު ކުރީ 1995 ވަނަ އަހަރު އެވެ.

މުހައްމަދު އަމީން އެވޯޑް ހޯދާ ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމަށް އަމީނިއްޔާ އިން ހަމަޖެއްސުމުގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ 1940 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވޭތުވެ ދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި އަމީނިއްޔާ ސްކޫލްއަކީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ސްކޫލެއް ކަމަށެވެ. އަދި އެއީ ގައުމަށް ފައިދާ ހުރި އެތައް ދަރިންތަކެއް މުޖުތަމައަށް ނެރުނު ސްކޫލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.