17 Dec 2010, 05:38
ލ. ގަމުގައި ދެމަފިރިއެއްގެ މެދު ހިނގި ޒުވާބެއްގެ ތެރޭގައި ބައްޕަގެ އަތުން އެއް އަހަރުގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވީ "އޮޅިގެން" ނޫން ކަމަށާއި އަނިޔާތައް ލިބުނީ ފިރިމީހާ ރުޅި އައިސްގެން ގަސްދުގައި ދަރިފުޅުގެ ފައިގައި ހިފައި ނަގައި މޭޒަކާ ދިމާއަށް "އެއްލައިލުމުން" ކަމަށް އެކުއްޖާގެ މަންމަގެ ފަރާތު އާއިލާއިން ބުނެފި އެވެ.
މީގެ ކުރިން މި ހާދިސާއާ ގުޅިގެން ފިރިހެން މީހާގެ އާއިލާއިން ބުނެފައި ވަނީ އެކަން އެހެންވެފައި ވަނީ ކުއްޖާގެ ބައްޕައަށް "އޮޅިގެން" ކަމަށެވެ.
މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އެއް އަހަރާ ތިން މަހުގެ އަންހެން ކުއްޖާގެ މަންމަގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ސަން އަށް މައުލޫމާތު ދެމުން އިއްޔެ ބުނީ، ގަމު މުކުރިމަގު އަވަށުގައި މީގެ ތިން ދުވަސްކުރިން ހިނގި އެ ހާދިސާގެ ޚަބަރުތައް ފެތުރިފައި އޮތީ "ނުބައިކޮށް" ކަމަށާއި އެކަމުގެ ހަގީގަތަކީ ދެމަފިރިންގެ މެދުގައި ޒުވާބު ހިނގައި ފިރިމީހާ ރުޅި އައިސްގެން، ތުއްތު ދަރިފުޅު ނަގައި މޭޒަކާ ދިމާއަށް "އެއްލައިލީ" ކަމަށެވެ.
އާއިލާގެ މެންބަރު ނަން ނުޖެހުމަށް ޝަތުރުކޮށް ބުނީ، އެ ހާދިސާ ހިނގީ އަންހެން މީހާ އޭނާގެ ރަށް، ގަމުން ފިރިމީހާއާކު ފޮނަދޫއަށް ދާން ދެކޮޅު ހެދުމުން ދެމަފިރިންގެ ތެރޭގައި ހިނގި އަރައިރުމުގެ ތެރޭގައި ކަމަށެވެ. ފިރިހިމީހާއާ އެއްކޮށް ނުދާން އުޅުނީ އަނިޔާކުރާތީ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
އުމުރުން 24 އަހަރުގެ އަންހެންމީހާއާ ހަވާލާދީ އާއިލާގެ މެންބަރު ބުނި ގޮތުގައި، އުމުރުން 35 އަހަރުގެ ފިރިހެންމީހާ ދަރިފުޅު ނަގައި ދުރަށް އެއްލައިލީ އަރައިރުމުގެ ތެރޭގައި "ފޮނަދުއަށް ނުދާނެ" ކަމަށް އަނބިމީހާ ފިރިމީހާއަށް ދިމާއަށް ބުނެގެނެވެ.
މި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަކީ ފޮނަދޫ މީހެކެވެ. އަންހެން މީހާއަކީ ގަމު މުކުރިމަގު މީހެކެވެ. މި ދެރަށަކީ އެއް ފަހުން ގުޅިފައި އޮންނަ ދެރަށެވެ.
"[ކުއްޖާގެ މަންމަ] ދިރިއުޅެނީ ފިރިމީހާ އެކީ ފޮނަދޫގައި. އެކަމަކު ފިރިމީހާ ތަޅާތީ އޭނާ ހުރީ ރަށަށް އައިސް. [ކުއްޖާ މަންމަ] ބުނީ ޒުވާބުކުރި ވަގުތު ދަރިފުޅު ހުއްޓޭ ގާތުގައި ބައްޕާ، ބައްޕާ އޭ ކިޔާލަ ކިޔާލައި. އެހެން ގޮވަގޮވައި ހުއްޓާ ދެން [ފިރިމީހާއާ އެއްކޮށް] ނުދާނަމޭ [ކުއްޖާ މަންމަ] ބުނީމަ އެކަމާ ރުޅި އައިސްގެން ފައިގަ ހިފައިފަ ނަގާ އެއްލިއްޔޯ! އެއްލީމަ ގޮސް ޖެހުނީ އެތާނގައި ހުރި މޭޒެއްގައި،" އޭނާ ކިޔައިދިނެވެ.
އާއިލާއިން ބުނީ މޭޒުގައި ޖެހުމުން ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
"ބޮލުގެ ދެތަނަކުން ފްރެކްޗާ 'ރެނދުލާފައި' ހުރީ. ނޭފަތުން ލޭ ވެސް ފޭބި. ލޭ ފޭބުން ހުއްޓުނީ ބުދަ ދުވަހު، [ކަނާތް] ލޯމަތި އެއްކޮށް ދުޅަވެފައި ހުރީ. ފުރަތަމަ ލޯ ނުވެސް ހުޅުވޭ. އެކަމަކު މިހާރު ލޯ އެބަ ހުޅުވޭ. ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވެފައި ހުރީ. އެކަމަކު މިހާރު ރަނގަޅު ވަމުންދަނީ،" އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ، މި ހާދިސާއަށް ފަހު 24 އަހަރުގެ ޒުވާން މަންމައަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި ދަރިފުޅު "އެއްލައިލި" ވަގުތުކޮޅު ހަނދާނަށް އައުމާއެކު ވަރަށް ބޮޑަށް ހާސްވެ މެއަށް ތަދުވުމުގެ އިތުރުން އެކަމާބެހޭ ގޮތުން މީހުން ވާހަކަދައްކާނަމަ ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.
އަނބިމީހާއާ ޒުވާބު ކުރަމުން ގޮސް ދަރިފުޅު "އެއްލައިލި" ކަމަށް ބުނާ މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގައި ކުޑަ ކުއްޖާއަށް ފަރުވާދެމުންދާއިރު، ފުލުހުންނާއި ޖެންޑާ ޑިޕާޓްމަންޓުން ވަނީ މި ހާދިސާ ތަހުގީގުކުރަން ފަށައިފައެވެ. އަދި އެ މައްސަލައާ ގުޅިގެން މިދިއަ އަންގާރަ ދުވަހު ވަނީ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފަ އެވެ.