ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތްކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލަކު ނެތްތާ މިއަދަށް މިވަނީ 80 ދުވަސް ހަމެވެފަ އެވެ. ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަތާ އެތަކެއް ދުވަސް ވެގެންދިޔަ އިރު ވެސް އެ މަގާމަށް ބޭފުޅު އައްޔަން ކުރެވިފައިނުވާއިރު އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރެވިފައެއް ނުވެ އެވެ.

ޕީޖީގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއިއްޒު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. މައުމޫން ހަމީދުގެ ނަންފުޅު ދިރާސާކުރުމަށް ކޮމެޓީއަކަށް ފޮނުވާފައި ވަނީވެސް އޭގެ އެތަކެއް ދުވަސް ފަހުންނެވެ.

މައުމޫން ހަމީދާ އިންޓަވިއު ކުރެއްވުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެޖެންޑާ ކުރި އެވެ. ނަމަވެސް އެދުވަހުގެ ކޮމެޓީ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތުމުން ކްރިމިނަލް ކޯޓުން ވަނީ މައްސަލަތައް ބަލައިގަތުން ހުއްޓާލާފަ އެވެ. އޭގެ ސަބަބުން ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭ ޖިނާއީ އެތަކެއް މައްސަލަތައް ވަނީ ކޯޓަށް ހުށަނޭޅި ފުނިޖެހިފަ އެވެ. މައްސަލަތައް ލަސްވާ ކޮންމެ ދުވަހަކީ ކޮންމެވެސް ރައްޔިތެއްގެ އެތަކެއް ހައްގުތައް ގެއްލިގެންދާ ދުވަހެކެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިންސާފު ނުލިބި ލަސްވާ ލަސްވުމުގެ ފުރިހަމަ ޒިންމާ ރައްޔިތުންގެ މަޖިލީހުން ނަގަންޖެހޭނެ އެވެ. މިފަދަ ކަންތައް ދިމާވަނީ ރައްޔިތުންގެ މަޖިލީސް ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ޕީޖީ އަކު އައްޔަން ކުރުމަށް ގާނޫނުން ދީފައި އޮތް މުއްދަތު ފަހަނަ އަޅައި ދިޔަނަމަވެސް ވަކި މުއްދަތެއްގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމްކޮށް އަމުރެއް ނެރެދިނުމަށް މަތީމަރުހަލާގެ ކޯޓަކަށް ހުށަހެޅުމަކީ ދައުލަތަށް ކުރެވިދާނެ ކަމެކެވެ.

"ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވިފައެއް ނުވޭ. ދައުލަތަށް ކުރެވިދާނެ ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރެއް ނެރެދިނުމަށް މަތީ މަރުހަލާގެ ކޯޓަކަށް ހުށަހެޅުން،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން އެފަދަ އަމުރަކަށް އެދިފައިނުވި ނަމަވެސް ޕީޖީގެ މަގާމަށް ލަސްނުކޮށް ބޭފުޅަކު އައްޔަން ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ޕީޖީއަކު ނެތް މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ އެއްބައި އޮތީ ހުސްކަމެއްގެ ތެރޭގައި ކަމަށެވެ. ޖިނާއީ ދައުވާ ކުރާނެ ފަރާތެއް ނެތި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަގޮތުގައި ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުން އަންގާ އެންގުންތަކަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ކަނޑައަޅާފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވެސް ޕީޖީއަކު އައްޔަން ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ފިޔަވަޅެއް އަޅާ މަންޒަރު ފެންނަމުން ނުދެ އެވެ.

ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބާއްވައި ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތަށް އާމްދަނީ ހޯދުމަށް ބައެއް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ގެނެސްފަ އެވެ. ހަމައެގޮތަށް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ހާއްސަ ޖަލްސާތަކެއް ބާއްވައިގެން ވެސް މަޖިލީހަށް ކުރެވިދާނެ އެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ރައްޔިތުންގެ މަޖިލީހުން ކުރާ މަންޒަރެއް ނުފެނެ އެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިގޮތުގައި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ޕީޖީގެ މަގާމަށް ބޭފުޅު އައްޔަން ކޮށްފައިނުވާތީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުނުވާކަން އެނގިގެންދާ ކަމެކެވެ.

"ޖިނާއީ އަދުލުގެ ނިޒާމާ މެދު ރައްޔިތުންގެ މަޖިލީހުގެ ކޮންސާނެއް ނެތްކަން އެނގިގެން މި ދަނީ. ރައްޔިތުންގެ މަޖިލީހުން ޖިނާއީ އަދުލުގެ ނިޒާމަށް އިހުމާލުވެފައި އޮތް މިންވަރު މިއަދު އެނގިގެން މިދަނީ. މަޖިލީހުގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން އެބަޖެހޭ،" ޝާހު ވިދާޅުވި އެވެ.

ޕީޖީގެ މާގަމަށް ބޭފުޅަކު އައްޔަން ކުރެވިފައި ނުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުންނެވެ. ކޮންމެ ގޮތެއްވިޔަސް ޕީޖީ އަކު އައްޔަން ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިކަމުގައި އެބޭފުޅުންގެ ޒިންމާއެއްވާކަން ގަބޫލު ކުރައްވަންޖެހެ އެވެ.

ޖިނާއީ މައްސަލަތަކުގެ ދައުވާ ކުރަން ދައުލަތަށް ނުކުޅެދިފައި އޮތް އޮތުމަކީ ގާނޫނީ ވެރިކަން ނެގެހެއްޓުމަށް އޮތް ގޮންޖެހުމެކެވެ. ދައުވާ ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ އެތައް ރައްޔިތުންގެ ހައްގުތަކަކާ ގުޅިފައިވާ ކަމެކެވެ. ޑިމޮކްރެޓިކް ގައުމެއްގައި މި ގޮތަށް ކަންތައްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ޕީޖީއަކު ނެތުމުން މައްސަލަތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ހަމަޖެހޭ އުސޫލަކުންތޯ ވެސް އެއީ ސުވާލު އުފެދޭ ކަމެކެވެ. ޕީޖީއަކު ނެތުމުން މައްސަލަތައް ބެލުމަކީ ފަހަރުގައި ގާނޫނީ ގޮތުން ކްރިމިނަލް ކޯޓަށް ކުރެވިދާނެ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ވުރެ މަތި، އަދުލުއިންސާފުގެ ބެލެނިވެރިޔާ ކަމުގައިވާ ސުޕްރީމް ކޯޓުން މައްސަލަތައް ބަލައިގަތުމަށް އަމުރު ކުރުމުން ދެން އެހިސާބުން ކްރިމިނަލް ކޯޓުން ވެސް ގޮތް ދޫކޮށް އެހެން ގޮތަށް ވިސްނަން ޖެހެ އެވެ.