13 Feb 2014, 10:38
ފުވައްމުލަކުގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ޗެއާމަން ހާލިދު އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ ފެށި އެ ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ގާ އަޅަން ފަށާފައި ވަނީ މާދަޑު އަވަށުގެ ފީނދިފަންނު މަގުން ފެށިގެން ގޮސް ނަސްރީނުގޯޅި ނުވަތަ އަތޮޅު ތައުލީމީ މަރުކަޒާއި ހިސާބަށް ކަމަށެވެ.
"މިއީ ފުވައްމުލަކު ތަރައްގީގެ ތެރެއިން ފެށުމެއް، އަޅުގަނޑުމެން މިއަޅަނީ މާލޭގެ މަގުތަކުގައި އަޅާފައި ހުރި ވައްތަރުގެ ގާ" ހާލިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހިންގާ އެ ޕްރޮޖެކްޓަށް ޖުމުލަ ފަސް ލައްކަ ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފުވައްމުލަކުގެ ގިނަ މަގުތައް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކު މަގުތަކުގައި ގާ އެޅުމުގެ މި މަޝްރޫއު ފައްޓަވައިދެއްވީ ހައުސިން މިނިސްޓްރީގެ ނައިބު އަބްދުﷲ ޒިޔާދެވެ. މި ރަސްމިއްޔާތުގައި ޒިޔާދު ދެެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ބަޖެޓުން އެ މަސައްކަތް ކުރެވެން ނެތް ނަމަ ދެން ވެސް އެކަން ކުރެވެން ހުރި ގޮތްތަކަކީ ކޮބައިތޯ ބައްލަވައިގެން ޚާއްސަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާނޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.