ގއ. ދާންދޫ ކައުންސިލް މެމްބަރު މިފްރާހު ޚަލީލް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ދުވަސްތަކަށް މުސާރަ ދިނުމަށް އެ ކައުންސިލުން ފާސްކޮށްފައި ވާތީ އެ ނިންމުން އެރަށު ކޯޓުން ބާތިލުކޮށްފި އެވެ.

ކައުންސިރު މިފްރާހު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ދުވަސްތަކަށް މުސާރަދޭން ކައުންސިލުން ފާސްކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅީ ކައުންސިލް މެމްބަރު އިމްރާން ވަހީދު އެވެ.

ދާންދޫ ކޯޓުން އިއްޔެ ކުރި ހުކުމްގައި މިފްރާރު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ދުވަސްތަކަށް މުސާރަ ދިނުމަށް ކައުންސިލުން ފާސްކުރި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ކައުންސިލަށް ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާ އިރު މިދިޔަ ޖެނުއަރީ މަހުގައި އޭނާ އެކަށީގެންވާ ގިތެއްގައި ކައުންސިލްގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށެވެ.

މަގުބޫލު ސަބަބެއް ނެތި މިފްރާހު މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާއިރު އެ ދުވަސްތަކަށް މުސާރަ ދިނުމަކީ ޝަރުއީ އަދި ގާނޫނީ ހަމައެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ދާންދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.