13 Feb 2014, 09:42
ރާމަﷲ (ފެބްރުއަރީ 13): އިސްރާއީލުން ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްއަށް ޒާތީ ގޮތުން ބިރު ދައްކަމުން ގެންދާ މައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށާއި މިކަމުގެ ސަބަބުން ޢައްބާސްގެ ހަޔާތަށާއި ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.
ރަޝިޔާގެ ނޮވެސްޓީ ނޫސް އެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ފަލަސްތީނުގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ޑރ. ނަބީލް ޝަޢްތު ވިދާޅުވީ އިސްރާއީލުން ރައީސް މަހްމޫދު ޢައްބާސް އަށް ޒާތީގޮތުން ބިރު ދައްކަމުން ގެންދަނީ އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކާއި ނިގުޅައިގެންފައިވާ ހައްގުތައް އަލުން ހޯދުމަށް ޢައްބާސް ގެންގުޅުއްވާ ގައުމީ ސިޔާސަތުތަކާ ގުޅިގެން ކަމުގަ އެވެ.
އިސްރާއީލުގެ ކުރީގެ ޖާސޫސެއް ކަމަށްވާ މިހާރުގެ ޖަސްޓިސް މިނިސްޓާ ސީބީ ލެވްނީ ދާދިފަހުން ވަނީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި އިސްރާއީލަށް އިޢްތިރާފް ވުމަށް ފަލަސްތީނު ދެކޮޅު ހަދާ ނަމަ އެކަމުގެ އަގު ރައީސް މަހްމޫދު އައްބާސް ވަރަށް ވޭންދެނިވި ގޮތެއްގައި ދައްކަވަން ޖެހޭނެ ކަމަށް ވިދާޅުވެ ޢައްބާސް އަށް ޒާތީގޮތުން އިންޒާރެއް ދެއްވާފަ އެވެ. އިސްރާއީލަކީ ފަލަސްތީނުގެ މަސްއޫލުވެރިން އަވަހާރަކޮށްލުމުގެ ތާރީޚެއް އޮތް ގައުމެއްކަމުން ސީބީ ލެވްނީގެ ބިރުދެއްކުންތަކާ ގުޅިގެން ރައީސް ޢައްބާސްގެ ހަޔާތްޕުޅަށް ހަގީގީ ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ޝަޢްތު ވިދާޅުވި އެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ނުހައްޤުން ފޭރިގަތުމަށް ފަހު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އެހީގައި އިންޓަނޭޝަނަލް ޒަޔަނިޒަމް ޖަމާއަތުން ފަލަސްތީނުގައި އުފައްދާފައިވާ ޣައިރު ގާނޫނީ އެންޓިޓީއެކެވެ. އެހެންކަމުން ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ގައުމެއްގެ ގޮތުގައި އިސްރާއީލަށް އިއްތިފް ނުވާނެ ކަމަށާ މިގޮތަށް އިޢްތިރާފްވެއްޖެ ނަމަ އިސްރާއީލެވެކިޔޭ ދައުލަތުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ވެސް އިސްރާއީލުން ބޭރުކޮށްލާނެ ކަމަށް ފަލަސްތީނުން ބުނެ އެވެ.
ފަލަސްތީނުގެ ހައްޤުތައް ހޯދުމަށް ކުރަމުން ގެންދިޔަ ޖިހާދުގެ ސަބަބުން އިސްރާއީލުން އަވަހާރަކޮށްލާފައިވާ ފަލަސްތީނުގެ ލީޑަރުންގެ ތެރޭގައި އަބޫޖިހާދާއި އަބޫ އިޔާދުގެ އިތުރުން ޙަމާސްގެ ބާނީ ޝައިޚް އަޙްމަދު ޔާސީން އާއި ޙަމާސްވެ ވެރިއެއް ކަމަށްވާ ޑރ. ޢަބްދުލްޢަޒީޒް އައްރަންތީސީ ފަދަ އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚާލިދް މިޝްޢަލް އަށް އިސްރާއީލުން ވިހަ ދޭންކުރި މަސައްކަތްވެސް ވަނީ ބޭޒާރުވެފަ އެވެ. މީގެ އިތުރުން ނިއުކްލިޔާ ވިހަދީގެން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަކޮށްލިކަމުގެ ތުހުމަތު ވެސް އިސްރާއީލުގެ ބޮލުގައިވަނީ އެޅިފަ އެވެ. (އަލްޖަޒީރާ)