13 Feb 2014, 09:35
ޓްރިޕޮލީ (ފެބްރުއަރީ 13): ލީބިޔާގެ ވެރިކަން ބަދަލުކޮށްލުމަށް ޓަކައި އަސްކަރީ އިންގިލާބެއް ގެނައުމަށް ރޭވި ސިފައިން އޮފްސަރުންތަކެއް ހައްޔަރުކޮށްފިކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ލީބިޔާގެ ދިފާޢީ ވަޒީރު ޢަބްދުﷲ އައްޘަނިއްޔު ވިދާޅުވީ އެގައުމަށް ޢަސްކަރީ އިންގިލާބެއް ގެނަސް ވެރިކަން ބަދަލުކޮށްލުމަށް ރޭވިކަމުގެ ތުހުމަތުގައި ސިފައިންގެ އޮފްސަރުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށާއި މިމައްސަލަ ސީރިޔަސްކަމާ އެކު ތަހްގީގު ކުރަމުން ގެންދާކަމުގަ އެވެ. ލީބިޔާގެ ޕާލަމެންޓްގެ ރައީސް ނޫރީ ބޫ ސަހްމީން ވިދާޅުވީ އަސްކަރީ އިންގިލާބެއް ގެނައުމަށް ރޭވުމުގެ ތުހުމަތުގައި ސިފައިންގެ 30 އޮފްސަރަކު ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކަމަށާ މިކަމާ ގުޅިގެން އިތުރު އޮފްސަރުންނާއި މަދަނީ މަސްއޫލުވެރިން ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލީބިޔާ އަށް ޢަސްކަރީ އިންގިލާބެއް ގެނައުމުގެ ރޭވުންތައް ރޭވުމަށްޓަކައި ޢަސްކަރީ އަދި މަދަނީ އިސްމަސްއޫލުވެރިންގެ 60 ބޭފުޅަކު ވަނީ ސިއްރުތަނެއްގައި ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި ޢަސްކަރީ އިންގިލާބެއް ގެނަސް ލީބިޔާގެ ވެރިކަން ބަދަލުކޮށްލުމަށް ރޭވިކަމުގެ ތުހުމަތު 60 މީހެއްގެ މައްޗަށް އެގައުމުގެ ސަރުކާރުން ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 30 މީހަކު އިއްޔެ ހައްޔަރު ކުރި ނަމަވެސް ހައްޔަރުކުރި މީހުންގެ ނަންތައް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ. ލީބިޔާގެ ޖާސޫސީ އިދާރާ އިން ވަނީ މިމައްސަލައާ ގުޅިގެން ގައުމުގެ ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް ސަރުކާރަށާއި ޕާލަމެންޓަށް އަންގާފަ އެވެ. (އަލްޖަޒީރާ)