މަގުމަތީގެ ރައްކާތެރިކަމާއި މެދު އާއްމުން ހޭލުންތެރިކުރުމަށްޓަކައި "ފުރަތަމަ ރައްކާތެރިކަން" މި ނަމުގައި ހާއްސަ ކެމްޕޭނެއް ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ފަށައިފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ރާވާފައިވާ އެ ކެމްޕޭން އިފްތިތާހު ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ މަގު މަތީގެ ރައްކާތެރިކަމަކީ އިންސާނާ ނޭވާލުންހާ މުހިއްމު ކަމެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ނޭވާލުން ފަދަ ކަމެއް. ނޭވާލުން ހުއްޓިއްޖިއްޔާ ކިހިނެއްތޯ ވަނީ؟ މަރުވަނީ. މަގުމަތި ރައްކާތެރި ތަނަކަށް ނުވެއްޖިއްޔާ ދެން ވަނީ ކިހިނެއްތޯ؟ ވަރަށް ގިނަ މީހުންނަށް ވަރަށް ހިތާމަވެރި ބޮޑެތި އަނިޔާތަށް ލިބިގެން ދުނިޔެއާއި ވަކިވާން އެބަ ޖެހޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުން ރާއްޖޭގައި މަރުވާ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ފެންނަން ހުރިއިރު އެ އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ފިޔަވަޅުތަކެއް އަޅަން މަޖްބޫރު ކަމަށާއި އެ ފިޔަވަޅުތައް އެޅުމުގައި ކަމާ ބެހޭ ހުރިހާ މުއައްސަސާ ތަކުން އިހުލާސްތެރިކަން ދައްކަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވޭތުވެދިޔަ އަހަރު މަގުމަތީގެ އެކްސިޑެންޓްތަކުގައި 12 މީހުން މަރުވެފައިވޭ. އޭގެ ކުރީ އަހަރު ފަސް މީހުން. އޭގެ ކުރީ އަހަރު ހަތް މީހުން. މި އަދަދުތަކަށް ބަލާއިރުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން އަޅުނގަޑުމެން ފިޔަވަޅުތަކެއް އަޅަން މަޖްބޫރުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބި ހަރުދަނާ ޒުވާނުން، މަގުމަތީގެ އެކްސިޑެންޓްތަކުން ސަލާމަތްކުރަން ފިޔަވަޅު އަޅަންވެއްޖެ ކަމަށާއި އެކަމަށް އިހުމާލެވެއްޖެނަމަ އެ އިހުމާލުވެވުނީ ގައުމުގެ މުސްތަގުބަލަށް ކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މާލޭގައި ބޭނުން ނުކޮށް ހުރި ހުސްބިންތަކުގައި ވަގުތީ ގޮތުން ޕާކް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ވިސްނައި ހައްލުތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ބޮޑެތި އިމާރާތްތައް ކުރެވިގެންދާއިރުގައި ވެހިކަލް ޕާކިންއަށް ޖާގަ ލިބޭނެ ގޮތަށް ހެދުމަށް އިމާރާތް ކުރުމުގެ ގަވާއިދަށްވެސް އިސްލާހްތަކެއް ގެނައުމަށް ވިސްނަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި ރާއްޖޭގައި ގިނަ ޒުވާނުންތަކެއް ދުނިޔެ ދޫކޮށްފައިވާއިރު، މިދިޔަ އަހަރު ވެސް މަގުމަތީގެ އެކްސިޑެންޓްތަކުގައި 12 މީހުން ވަނީ މަރުވެފަ އެވެ.