16 Dec 2010, 21:06
ސްވިޑްންގައި ޖިންސީ ޖަރީމާއެއް ހިންގި ކަމަށް ކުރެވުނު ތުހުމަތުތަކަކާގުޅިގެން މިމަހުގެ ހަތްވަނަ ދުވަހު އިނގިރޭސިވިލާތުގައި ހައްޔަރުކުރި ވިކިލީކްސްގެ މުއައްސިސް، އޮސްޓްރޭލިޔާގެ ޖޫލިޔާން އަސާންޖް މިނިވަންކުރުމަށް މީގެ ދެދުވަސްކުރިން ކުރި ދަށު ކޯޓުން ކުރި ޙުކުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ތާއީދުކޮށްފިއެވެ. ދަށުކޯޓުން އަސާންޖްގެ މައްސަލަ ބެއްލެވި ފަނޑިޔާރު ހަވަރޑް ރިޑްލް، ކަފާލާތެއްގެ ދަށުން އޭނާ މިނިވަންކުރުމަށް މިމަހުގެ ސާދަވަނަ ދުވަހު އަމުރު ކުރެއްވުމުން ސްވިޑްންއިން މިމައްސަލަ އިސްތިއްނާފަށް ހުށަހެޅުމުން އަސާން މިނިވަން ނުކޮށްވަނީ މަޑުޖައްސާލާފައެވެ. އަސާންޖް މިނިވަންކުރުމާ ދެކޮޅަށް ސްވިޑްންއިން އިސްތިއްނާފަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު ލަންޑަންގެ ހައިކޯޓުގެ ޤާޒީ ޑާންކަން އޮސްލީ ވެސް ޙުކުމް ކުރެއްވީ ދަށުކޯޓުގެ ޙުކުމަށް ތާއީދު ކުރައްވައިގެންނެވެ. އެއީ ކަފާލާތުގެ ދަށުން އަސާންޖް މިނިވަން ކުރުމަށެވެ. އިސްތިއްނާފުކުރި މައްސަލަ ސްވިޑްންއަށް ނާކާމިޔާބުވުމުން އަސާންޖަށް ތާއީދުކުރާ ފަރާތްތަކުން ލަންޑަންގައި ގެންދަނީ އުފާފާޅުކުރަމުންނެވެ. އަސާންޖް މިނިވަންކުރުމުގެ ކަފާލާތަކީ ދެލައްކަ ސްޓާލިންގް ޕއުންޑް ކަމަށްވެސް ޤާޒީ ވިދާޅުވިއެވެ. ކަފާލާތުގެ މިފައިސާ ހޯދީ އަސާންޖަށް ތާއީދުކުރާ އެތަށް ފަރާތްތަކެއް ގުޅިގެންނެވެ. މިފައިސާ، ހައިކޯޓުގެ ޙުކުމްގެ ކުރިންވެސް ވަނީ ހޯދާފައެވެ. އިނގިރޭސި ފުލުހުން، އުމުރުން ތިރީސް ނުވަ އަހަރުގެ ޖޫލިޔާން އަސާންޖް މިމަހުގެ ހަތްވަނަ ދުވަހު ހައްޔަރުކުރީ އޭނާގެ ވިކިލީކްސް ވެބްސައިޓުން އެމެރިކާގެ އެތަށްހާސް ސިއްރު ލިޔުންތަކެއް ބޭޒާރުކޮށްލުމާގުޅިގެން އެމެރިކާގެ ލޯތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަސާންޖްގެ މައްޗަށް ސްވިޑްންއިން ކުރި ޖިންސީ ތުހުމަތުތަކަކީ ސިޔާސީ ކަމެއް ކަމަށާއި މިކަމުގެ ފަހަތުގައި އެމެރިކާ އޮވެދާނެކަމަށް އަސާންޖަށް ތާއީދުކުރާ ފަރާތްތަކުން ލަފާކުރެއެވެ. ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކުގެ މައްސަލާގައި ޝަރީޢަތަކާނުލާ އަސާންޖް މަރާލުމަށްވެސް އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ -- ޖަވާދު