13 Feb 2014, 00:35
ސްކޫލް ކުދިންނަށް ސްކޫލަށް އައިސް ގޮސް ހެދުމަށްޓަކައި ހާއްސަ ބަސްތަކަކާއި މާލެ، ހުޅުލެ ޓާމިނަލުން "އެއާޕޯޓް ޓެކްސީ" ގެ ހިދުމަތް ތައާރަފް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މަގުމަތީގެ ރައްކާތެރިކަމުގެ ހާއްސަ ކެމްޕޭން "ފުރަތަމަ ރައްކާތެރިކަން" އިފްތިތާހު ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، މަދުރަސާ ކުދިންނަށް އިތުބާރާއި ޔަގީން ކަމާއި އެކު ސްކޫލަށް ގޮސް އައިސްވުމަށް ފަސޭހަ އިންތިޒާމެއް ގާއިމް ކުރުމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ވަރަށް އަވަހަށް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ހުޅުލެއިން މާލެ އަންނަ ފަރާތްތަކަށް "އެއާޕޯޓް ޓެކްސީ" ގެ ހިދުމަތްވެސް ތައާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާ ކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިއަދު ރާއްޖެއިން ބޭރުން ވަރަށް ގިނަ ޓޫރިސްޓުން މާލެ އެބައާދޭ. ނަމަވެސް އެމީހުން މާލެ އައިމަ ދެންނެވޭ މަރުހަބާއަކީ އެހާ ހޫނު މަރުހަބާއަކަށް ނުވޭ. ބައެއް ފަހަރު އެމީހުން ތިބެން ހަމަޖެހިފައިތިބި ތަނަށް އެބަދާންޖެހޭ އެމީހުންގެ ފޮށި ދަމާފައި. ނުވަތަ ޕިކަޕެއްގައި. މިއީ ހާލަތު އޮތް ހިސާބަކީ. އެކަމަށް ހައްލެއް އެބަ އަންނަންޖެހޭ. ވިސްނުން އެބަ ހުރި ވަރަށް އަވަހަށް އެއާޕޯޓް ޓެކްސީ ތައާރަފްކުރަން،" ޓްރާސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ އާއި ބައެއް ރަށްތައް ތޮންޖެހެމުންދާތީ އެއަށް ހައްލުތަކެއް އަންނަންޖެހޭ ކަމަށާއި އެކަމާއި މެދު ފަންނީ ބޭފުޅުން ތަންކޮޅެއް ފުންކޮށް ވިސްނަވަންޖެހޭ ކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.