ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަސް ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓުން ދައްކައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ގިންތި ކުރާ ޕްރެސް ފްރީޑަމް އިންޑެކްސްއިން ނެރުނު މިދިޔަ އަހަރުގެ ރިޕޯޓުގައި ރާއްޖެ މިފަހަރުވެސް ހިމަނާފައިވަނީ ފާހަގަކުރެވޭ މައްސަލަތަކެއް ހުރި ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން 2012 ވަނަ އަހަރު 103 ވަނައިގައި އޮތުމަށްފަހު މިދިޔަ އަހަރު ރާއްޖެ ވަނީ ފަސް ދަރަގަ ފަހަތަށް ޖެހި 108 ވަނައަށް ވެއްޓިފަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއިން 2011 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ރާއްޖެ އޮތީ 73 ވަނައިގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ބަދަލުވުމަށްފަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން 30 ދަރަޖަ ފަހަތަށް ވެއްޓިފަ އިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް އިން ކޮންމެ އަހަރަކުވެސް ނެރެމުންދާ އެ ރިޕޯޓުގައި ހަތް ކަމަކަށް އަލިއަޅުވާލާއިރު މީޑިއާގެ މިނިވަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑާއި މުއައްސަސާތަކުން ނޫސްވެރިންނަށް މައުލޫމާތު ދޭ މިންވަރުގެ އިތުރުން މީޑިއާތަކަށް މިނިވަންކަމާ އެކު ހަރަކާތްތެރިވާ މިންވަރު ބަލައެވެ.

މީގެ އިތުރުން ނޫސްވެރިން މަސައްކަތްކުރާ މާހައުލާއި މައުލޫމާތު ހޯދައި ލިބިގަތުމުގައި ގެންގުޅޭ ވަސީލަތްތަކުގެ މައްޗަށްވެސް އެ ޖަމިއްޔާއިން ބަލާކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޮފާ ޑެލޮއިރެ ބުނެފައިވެ އެވެ.

ކޮންމެ އަހަރަކު ނެރުމުންދާ އެ ރިޕޯޓުގައި ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވާ މިންވަރު ވެސް މިދިޔަ އަހަރުވަނީ 1.8 އިންސައްތަ މައްޗަށް އަރާފަ އެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުގައި މިދިޔަ އަހަރުވެސް އެއްވަރެއްގައި ހިފެހެއްޓިފައި ވީނަމަވެސް އެފްރިކާގައި ވަނީ އެ އަދަދު މިދިޔަ އަހަރު އިތުރުވެފަ އެވެ.

އެ ރިޕޯޓުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ދެވިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނިފައިވަނީ ފިންލޭންޑް، ނެދަލޭންޑްސް އަދި ނޯވޭ އެވެ. އެ ލިސްޓުގައި ސީރިއާ، ތުރުކުމެނިސްތާން އުތުރު ކޮރެއާގެ އަދި އެރިޓްރިއާ ހިމެނިފައިވަނީ މިދިޔަ އަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ދަށަށް ގޮސްފައިވާ ގައުމުތަކުގެ ގިންތީގަ އެވެ.

ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމު، ސީރިއާ މިދިޔަ އަހަރުގެ ރިޕޯޓުގައި ގިންތި ކޮށްފައިވަނީ 177 ވަނައިގަ އެވެ. އެގޮތުން 2011 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެގައުމުގައި 130 ނޫސްވެރިން މަރާލާފައިވެ އެވެ.