ކްރިމިނަލް ކޯޓުގެ މުވައްޒަފަހުންތަކެއް ކުރި އިހްތިޖާޖަކާއި ގުޅިގެން އެ ކޯޓުގެ 12 މުވައްޒަފަކު ސަސްޕެންޑު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދެމުން މިރޭ ބުނީ، "ސަސްޕެންޑް ކޮށްފައިވަނީ އިތުރު ގަޑީގެ ފައިސާ ދެވެން ނެތް ކަމަށް ކޯޓުން ބުނުމުން އިތުރުގަޑީގައި މަސައްކަތް ނުކޮށް މިދިޔަ ހޯމަ ދުވަހު ގެއަށް ދިޔަ މުވައްޒަފުންތަކެއް" ކަމަށެވެ.

އޭނާ ބުނީ އެ ކޯޓުގެ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރުމަށް ނިންމައި، އެކަން މުވައްޒަފުނަށް އަންގާފައިވަނީ މިއަދު ކަމަށެވެ.

މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްނުކޮށް ގެއަށް ދިޔައީ ކޯޓުގެ ބަޖެޓް ހަމަ ޖެހިފައިވާ ގޮތުން އިތުގަޑީގެ ފައިސާ ދެވެން ނެތް ކަމަށް ކޯޓުގެ މުވައްޒަފުންނަށް އެންގުމަށްފަހު އިތުރުގަޑީގައި މަސައްކަތް ކުރުވަން އުޅުމުން ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ކުރިން މުވައްޒަފުން ފަނޑިޔާރުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.

"އަޅުގަނޑުމެނަށް އެންގީ އިތުގަޑީގައި ފައިސާ ދެވެން ނެތް ކަމަށް. އެހެން އަންގާފައި އޮއްވައި މުވައްޒަފުން ބޭނުންވީ އިތުރުގަޑީގައި މަސައްކަތް ނުކުރަން. އެހެންވެ އެ ދުވަހު [ހޯމަ ދުވަސް] މުވައްޒަފުން ތިނެއް ޖެހުމާއެކީގައި މަޑުނުކޮށް ގެއަށް ދިޔައީ. އެއާ ގުޅިގެން އެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައި،" އޭނާ ކިޔައިދިނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ގަވައިދުގައިވާ ގޮތުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އިތުރުގަޑީގެ ފައިސާ ނުލިބުނު ކަމުގައިވީ ނަމަވެސް އިހްތިޖާޖަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ އަދަދު އޭނާ ވިދާޅެއްނުވެ އެވެ.