12 Feb 2014, 22:31
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ އޭޝިޔާގެ ހޮޓެލް ބުކިން ވެބްސައިޓެއް ކަމަށްވާ އަގޮޑާ ޑޮޓްކޮމް އިން ހެދި ދިރާސާއަކުން ދުނިޔޭގެ "ހޮޓެސްޓް ހަނީމޫން ޑެސްޓިނޭޝަން" އަކަށް ރާއްޖެ ހޮވިއްޖެ އެވެ.
ފަތުރު ވެރިންގެ މެދުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލަކަށް ރާއްޖެ ހޮވިފައި ވަނީ، އަގޯޑާއިން ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެ ވެބްސައިޓުގެ 15،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އެބައި މީހުންގެ "ޑްރީމް ހަނީމޫން ޑެސްޓިނޭޝަން" އަކީ ކޮބައިތޯ ބެލުމަށް ކުރި ސާވޭ އަކުން ނެވެ.
އަގޮޑާ އިން ބުނެފައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ސާވޭގައި 20 ހަނީމޫން މަންޒިލެއް ހުށަހެޅުމުން ސާވޭގައި ބައިވެރިވި ކޮންމެ ފަސް ފަތުރުވެރިއަކުން އެކަކު އިހްތިޔާރު ކުރީ ރާއްޖެ ކަމަށެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އިހްތިޔާރު ކޮށްފައިވަނީ، ގްރީކް އައިލެންޑްސް، ޕެރިސް އަދި ބާލީ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ދެމަ ފިރިން އަދި ރައްޓެހިވެގެން އުޅޭ ބައިވެރިންނަށް ރާއްޖެއަކީ އަބަދުވެސް މަގުބޫލު މަންޒިލެއް ކަން. އެކަމަކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފަތުރުވެރިންގެ މެދުގައި މިހާ މަގުބޫލު ތަނަކަށް ރާއްޖެ ވުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު،" ގްލޯބަލް ހޮޓެލްސްގެ ވައިސް ޕްރެޒިޑެންޓް އެރޯލް ކޫކް ވިދާޅުވި އެވެ. "ސާވޭގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 100 މީހުންނަށް ވުރެ ގިނަ ފަތުރުވެރިންނާ ސުވާލުކުރެވުނު އެންމެ ތިން ގައުމަކުން ރާއްޖެއަށް އާނއެކޭ ބުނެފައި ނުވަނީ. އެއީ ފިލިޕީންސް ސައޫދީ އަރަބިއްޔާ އަދި ނިއުޒިލެންޑްސް."
އަގޮޑާ ޑޮޓް ކޮމްގެ ސާވޭގައި ބައިވެރިވި ފަތުރުވެރިންގެ ތެރެއިން ހަނީ މޫން މަންޒިލަކަށް ރާއްޖެ އިހްތިޔާރު ކޮށްފައިވާ ފަތުރުވެރިން އެންމެ ގިނައިން ހިމެނެނީ، އުތުރު އެމެރިކާ، ޔޫރަޕް އަދި އޭޝިއާގެ ބައެއް ގައުމުތަކުންނެވެ.