12 Feb 2014, 21:47
ދެ ދުވަސްވަންދެން ކުނިއުކާ ކޮތަޅެއްގެ ތެރެއަށްލާފައި ކުނިގޮނޑަށް އެއްލާލައިފައި އޮތް ދެ މަހުގެ ތުއްތު ކުއްޖަކު ދިރިހުއްޓައި ސަލާމަތްކޮށްފި އެވެ.
ސައުދީގެ އޮންލައިން ނޫހެއްކަމަށްވާ ސަދާ އާއި ހަވާލާދީ ދުބާއީގެ ނޫހެއްކަމަށްވާ އެމިރޭޓްސް 24/7 ގައި ބުނެފައިވަނީ ދެ މަހުގެ އެ ތުއްތު ފިރިހެން ކުއްޖާ ފެނިފައިވަނީ ސައުދީގެ މައި ކުނިގޮނޑުގައި އޮތް ބޮޑު ކަޅު ކޮތަޅެއްގެ ތެރެއިން ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ ސަލާމަތްކޮށްފައިވަނީ ބުޅާ ތަކެއް އެ ކޮތަޅު ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ގޮނޑުގައި މަސައްކަތްކުރާ މީހަކަށް ފެނިގެން ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ތުއްތު ކުއްޖާ ފެނުމާއި އެކު ސައޫދީގެ ޑޮކްޓަރުން ވަނީ އެކުއްޖާއަށް ފަރުވާދޭން ފަށާފަ އެވެ. އަދި އެ ކުއްޖާ ކޮތަޅު ތެރޭގައި އޮންނަތާ ދެ ދުވަސްވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
"އެ ކުއްޖާ ފެނިފައިވަނީ ބަނޑުހައިވެފައި ތިބި ބުޅާތަކެއް އެ ކޮތަޅުގައި ވަސް ބަލަމުންދަނިކޮށް، ކުނި ކޮތަޅުގެ ތެރެއިން. ޑޮކްޓަރުން ބުނީ އެ ކުއްޖާގެހޮސްޕިޓަލަށް ގެނައިއިރު ހާލު ވަރަށް ސީރިއަސް ކަމަށް،" މައްކާގެ ފުލުހަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.