ވިލިމާލެ ހުޅަނގު ދެކުނު ކަންމަށްޗަށް ޑައިވިނަށް ގޮސް އުޅެނިކޮށް މިމަހުގެ ހަތަރު ވަނަ ދުވަހު ގެއްލުނު ކ. މާފުށީ އައްސޭރިގޭ މުހައްމަދު ޖަމީލްގެ ހަށިގަނޑު، ކަނޑު އަޑިން ނެގުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.

ކަޑުނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާ ބެހޭގޮތުން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވީ، ޖަމީލްގެ ހަށިގަނޑު އޮތް ހިސާބުގެ ކަނޑު އަޑީގެ އޮއި ބާރުވުމާއި ފުން ވުމުގެ އިތުރުން އެސަރަހައްދު ކިލަނބު ވެފައިވާތީ އޭނާ ނެގުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

ޖަމީލުގެ ހަށިގަނޑު ކަނޑު އަޑިން ނެގުމަށްޓަކައި ރާއްޖޭގައި ތިބި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާއި ރާއްޖޭގެ ފުންނާބު އުސް ޑައިވަރުންނާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ބޭނުންވާ ޓެކްނިކަލް އެހީތައް އެމްއެންޑީއެފް ކޯސްޓްގާޑުން ދިނުމުން އެބޭފުޅުން އެތަން ބަލައި ދިރާސާ ކުރުމަށްފަހު ކަނޑު އަޑީގައި އޮއި ބާރުވުމުގެ ސަބަބުންނާއި އަދި އަޑިއަށް ދާންޖެހޭ ފުންމިނުގެ ސަބަބުން އެބޭފުޅުންނަށްވެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވަނީ،" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

މުހައްމަދު އިބްރާހީމް ވިދާޅުވީ ކުދި މަސް ހިފުމަށް ވިލިމާލެ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުން އަންނަތާ ތިން ދުވަސް ފަހުން ކަމަށާއި ކޯސްޓްގާޑްގެ ޑައިވަރުންނަށް އޭނާ ގެންގުޅުނު މަސްހިފާ ދާގަނޑު ފެނުނީ 70 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.

"އެދުވަހު ޑައިވަރުންގެ މަސައްކަތް ހުއްޓައިލީ ޑައިވިން ޓީމް ޑައިވް ކުރުމަށް ހަމަޖެހިފައިވާ މިންވަރު ހަމަވުމުން. އެއަށްފަހު ޖެހިގެން އައިދުވަހު ކޯސްޓްގާޑްގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ ކުރީ ދުވަހު ދާގަނޑު ފެނުނު ދިމާލަށް 77 މީޓަރަށް ޑައިވް ކުރި ފަހުން، އޭގެ ގާތްގަނޑަކަށް 20 މީޓަރު އަޑިން. އަންދާޒާ ކުރެވޭ ގޮތުންނަމަ އެއީ 100 މީޓަރު އަޑި،" ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮންނަ ވޭލް ސަބްމެރިންގެ ޓެކްނިކަލް ބޭފުޅުންނާއި ކޯސްޓްގާޑު ގުޅިގެން ވެސް ޖަމީލުގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ދެ ދުވަހު މަސައްކަތް ކުރި އިރުވެސް އެ ސަރަހައްދުގެ މާހައުލު ހުރިގޮތުން އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

"މިގޮތުން ވޭލް ސަބްމެރިންގައި ހުރި އާލާތްތައް ބޭނުންކޮށްގެން އެސަރަޙައްދަށް ދެވޭތޯ ކޯސްޓްގާޑާއި ވޭލް ސަބްމެރިންގެ ޓެކްނިކަލް ޓީމުން މަޝްވަރާތައް ކުރިން. އެކަމަކު އެ ސަރަޙައްދުގައި ހުރީ އެލިފައި ހުންނަ ގާތަކެއް ކަމުން ފުދޭ ވަރެއްގެ ބޮޑު ހައިޑްރޯލިކް އާމެއް މިމަސައްކަތަށް ބޭނުންވޭ. މީގެ އިތުރުން އެފުންމިނުގައި ސަބްމެރިން ބޭއްވުމަށްޓަކާ އޮއިވަރު ވަރަށް މަޑުވާން ޖެހޭ. މި ދެ މާހައުލު އެތަނުން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއެކު ސަބްމެރީން ބޭނުންކޮށްގެންވެސް އެންމެ ރައްކާތެރިކަމާއެކު އެމަސައްކަތް ކުރާނެ މަގެއް ނުފެނޭ އަދިވެސް،" ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.